ދައުލަތުގެ ދަރަނި އަދާކުރަންވާނީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްނުވާނެ ގޮތެއްގެ މަތިންކަމަށް، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކެމްޕެއިންކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ސަރުކާރުން ދާދި ފަހުން ވަނީ ދައްކައިފަ އެވެ.  

ހުޅުމާލޭގައި ރޭ ބޭއްވި ކެމްޕޭން ހަރަކާތެއްގައި ނަޝީދު ވިދާޅުވީ ދަރަނި ދެއްކުމުގައި ރައްޔިތުން ނިކަމެތިވިޔަ ނުދީ، ގައުމުގެ އިގްތިސާދީ ތަނަވަސްކަން އިތުރުކުރުމާއި އާމްދަނީ ލިބޭނެ މަގުތައް ފުޅާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ޓެކްސް ދައްކާ ފަރާތްތަކުގެ ދާއިރާ ބޮޑުކޮށްގެން ދަރަނި އަދާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށެވެ.

އެފްރިކާގެ ބައެއް ގައުމުތައް ދަރަނީގެ ދަންތުރައިގައިޖެހި، އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ރާއްޖެ އެފަދަ ހާލަތަކަށް ދިޔަ ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

"ރާއްޖޭން ދަރަނި ދެއްކޭނީ އަޅުގަނޑުމެން ތަނަވަސްވެގެން، އަޅުގަނޑުމެން ފަގީރުވެގެނެއް ނޫން. އެމްޑީޕީ އަކީ މި މަސައްކަތް ކުރަން އޮތް ޕާޓީ. އަޅުގަނޑަށް އެނގޭ މި ޕާޓީ މެދުވެރިކޮށްގެން މި މަސައްކަތް ކުރެވޭނެކަން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށް ކަމަށާއި ބަދަލުވަމުންދާ ދުނިޔޭގައި ދިވެހިންނަކީ ގަދަރުވެރި އަދި މި ސަރަހައްދާއި ދުނިޔެއަށް ވެސް ފެންނާނެފަދަ ބާރުވެރި ގައުމަކަށް ހެއްދެވުމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕަސަންގެ އިންތިހާބުގައި ނަޝީދުގެ އިތުރުން ވާދަކުރައްވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ.