ކާބޯތަކެތި ރައްކާތެރިކަމަށް ހަމައެކަނި އިދާރާތަކުން މަސައްކަތް ކޮށްގެން ކާމިޔާބެއް ނުވާނެ ކަމަށާއި އެކަން ހާސިލްވާނީ ކޮންމެ މީހަކު ވެސް ޒިންމާ ނަގައިގެން ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ފ. ނިލަންދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން އެ ކަމަނާ ވިދާޅުވީ  ކާބޯތަކެތީގެ ރައްކާތެރިކަމަކީ ކޮންމެ ފަރުދެއްގެ ސިއްހަތާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ. މި އަހަރުގެ ޝިއާރުން ވެސް ހާމަވާ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

ދުވަހުގެ ޝިއާރަކީ "ކޮންމެ މާހައުލެއްގައި ރައްކާތެރި ކާބޯތަކެތި. ބަލިމަޑުކަމަށް ހައްލެއް" އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ގައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން މަތީފެންވަރުގައި ކަށަވަރު ކޮށްދީފައިވާ ނަމަ އެއީ ތަހުޒީބުވެފައިވާ މިންވަރާއި އިންސާނީ އަހުލާގު އެ ގައުމެއްގައި ހަރުދަނާކުރެވިފައިވާ މިންވަރު އަންގައިދޭ ކަމެއް ކަމަށެވެ.

ފަސްޓްލޭޑީ ސާޖިދާ، ނިލަންދުއަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް
ފަސްޓްލޭޑީ ސާޖިދާ، ނިލަންދުއަށް ވަޑައިގަތުމުން އެ ކަމަނާއަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

މޭވާއާ ތަރުކާރީ ހެއްދުމުގެ އިލްމީ އެތައް ގޮތްތަކެއް މިހާރު ގޭގައި ބޭނުންކުރާ ކަމަށާއި އެކަން ކުރާއިރު ކާބޯތަކެތީގެ ރައްކާތެރިކަމަށް އިތުރު ގޮންޖެހުން ދިމާވާ ކަމަށް ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވި އެވެ. އެހެންވެ، ގަވައިދުތަކާއި އުސޫލުތަކުން އެކަން ހައްލުވެގެން ދިއުމަކީ މިހާރު ވެސް ލިބޭނެ ފުރުސަތެއްކަން ފާހަގަކުރެއްވި އެވެ.

ފަސްޓް ލޭޑީ ވިދާޅުވީ ދަނޑުން ސުފުރާ އަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. 

"އޮތޯރިޓީތަކުން އެކަނި މަސައްކަތް ކޮށްގެން މިކަން ނުވާނެ. ކޮންމެ މީހެއްގެ ޒިންމާއެއް އެއީ. އެހެން ނޫނީ މިކަން ހާސިލެއް ނުވާނެ،" އެކަމަނާ ވިދާޅުވި އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުން ސިއްހަތަކާއި އަހުލާގީ އަދި ތަހުޒީބީ ފައިދާ ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަން ނިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ އާއި ހެލްތު މިނިސްޓަރު ގީލާ އަދި ނިލަންދޫ ދާއިރާގެ މެމްބަރު ސައުދާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރަން ނިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ އާއި ހެލްތު މިނިސްޓަރު ގީލާ އަދި ނިލަންދޫ ދާއިރާގެ މެމްބަރު ސައުދާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމެއްގެ ހޭލުންތެރިކަމާއި އަހުލާގާއި ތަހުޒީބާއި ވެސް ގުޅިފައި އޮންނަ ކަމެއް ކަމަށާއި އެއިން ސިއްހީގޮތުން އޮންނަ އަހައްމިއްޔަތުކަން އެނގޭނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ. 

"ގައުމެއް ރަނގަޅަށް ބިނާކުރަން މި ފަދަ ގާނޫނުތަކާއި އުސޫލުތަކަށް ތަރުތީބު ދޭންޖެހޭ. ކާބޯތަކެތީގެ ރައްކާތެރިކަމަށް އުނިކަން ލިބޭ ސަބަބުތައް ވެސް ތަފާތު. ބައެއް ފަހަރު ފަންނީ ގާބިލްކަން ނެތުން، އަނެއް ބައި ފަހަރު ހަރުދަނާ އުސޫލުތައް ނެތުން ހިމެނޭ. ގަވައިދުތައް ހުއްޓަސް އެ ގަވައިދުތައް ހުންނަ ގޮތުން ހުސްޖާގަ ހުންނާތީ ތަންފީޒުނުކުރެވޭ ކަންކަން ހުރޭ،" ސާޖިދާ ވިދާޅުވި އެވެ.

އެމްއެފްޑީއޭއިން މިހާރު އެކުލަވާލާ ގަވައިދުތަކާއި އުސޫލުތައް ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ. 

އެ ރަސްމިއްޔާތުގައި ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމަށް މީހުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމާއި އެ ހިދުމަތް ވަންގަވް އަށް ބަދަލުކުރުން އިފްތިތާހުކޮށްފަ އެވެ.