މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑު (އެމްޓީސީބީ) ގެ ޑިރެކްޓަރުގެ މަގާމުގައި އަހުމަދު ޒުހައިރު ހުންނަވަނިކޮށް އެ މަގާމު ސަރުކާރުން އުވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އިދާރާއެއް އުފެއްދީ މިދިޔަ އަހަރުގެ އޭޕްރީލް އަށެއްގަ އެެވެ. އެއީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާ އެކެވެ.
ރާއްޖޭގެ ދަތުރުފަތުރުގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކުރުމަށާއި ރާއްޖޭގެ އެއްގަމާއި ކަނޑާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ދާއިރާގައި ދިމާވާ އެކިއެކި ހާދިސާތަކާއި އެކްސިޑެންޓްތައް ތަހުގީގު ކުރުމަށް އުފެއްދި އެ ބޯޑުގެ ޑިރެކްޓަރު ކަމަށް އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ އެންމެ ފަހުގެ ސަރުކާރުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވި ޒުހައިރު އައްޔަންކުރީ އެކަމަށް އެދި ހުޅުވާލި ފުރުސަތެއްގައި ކުރިމަތިލެއްވުމުން އިންޓަވިއުއަކަށް ފަހު އެވެ.
އެކަމަކު އެ މަގާމު އިއްޔެ ކުއްލިއަކަށް ވަނީ އުވާލައިފަ އެވެ.
އެ މަގާމު އުވައިލީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސޯދިގު (ސޯބެ) އާ އެކު ޒުހައިރު ފޮޓޯއެއް ނަންގަވާފައިވާތީ ކަމަށް އޭނާގެ ދަރިފުޅު އަޒާން ޒުހައިރު ތުހުމަތު ކުރައްވަ އެވެ.
އަޒާން ވިދާޅުވީ އޭނާގެ ބައްޕައަކީ އަބަދުވެސް އެމްޑީޕީގެ ސަޕޯޓަރެއް ކަމަށާއި މި ފަހުން އެމްޓީސީބީގެ ޑިރެކްޓަރަކަށް އައްޔަންކުރީ އިންޓަވިއު މަރުހަލާތަކަށް ފަހު، ބައްޕަގެ އޭވިއޭޝަން ތަޖުރިބާގެ ސަބަބުން ކަމަށެވެ. އެ މަގާމާ އެކު ޕީއެންސީ އަށް ތާއީދު ކުރަންޖެހޭކަން އެނގިވަޑައިގެންނެވި ނަމަ، އެ މަގާމު ބައްޕަ ގަބޫލު ނުކުރައްވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ވެސް އޭނާގެ ބައްޕަ އެމްޑީޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. އެކަމަކު ސޯބެގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި އެއީ ސޯބެއަކީ އާއިލާގެ މީހަކަށް ވާތީ ކަމަށް ވިދާޅުވި އެވެ. އަދި އެ ހަރަކާތަށް ވަޑައިގަތުމުގެ 15 ދުވަސް ކުރިން އެކަން މިނިސްޓްރީ އަށް ވެސް އެންގި ކަމަށް ވިދާޅުވި އެވެ.
އެކަމަކު ޒުހައިރަކީ ސިޔާސީ ބޭފުޅަކަށް ނުވެފައި އޭނާ ހުންނެވީ ކޮންޓްރެކްޓެއްގެ ދަށުގައި ކަމުން ޒުހައިރު ވަކިކުރުމުގެ ބޭނުމުގައި އެ މަގާމު އުުވާލާފައިވާ ކަމަށް އަޒާން ތުހުމަތު ކުރައްވަ އެވެ.
އެ މައްސަލާގައި އައްޑޫ އެއާޕޯޓު ބޯޑުގެ ޗެއާޕާސަންކަމުގައި ހުންނެވި އަޒާން ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އަދި ވިދާޅުވީ އެފަދަ ގޮތަކަށް ކަންތައް ކުރާ ސަރުކަރެއް ތަމްސީލު ނުކުރެވޭނެ ކަމަށެވެ.