އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާންގެ މައްޗަށް ސާބިތުވެފައިވާ ފޭރުމުގައި ބައިވެރިވުމާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި މަނީ ލޯންޑްރިންގެ ކުށުގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް އާންމުންނަށް ކިޔައިދޭން ފުލުހުންގެ ކިބައިން އެދިވަޑައިގެންފައިވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ. 

އެ މައްސަލައިގައި ޝަމްއާންގެ މައްޗަށް އިއްޔެ ހުކުމް އިއްވުމުގެ ކުރިން ކްރިމިނަލް ކޯޓު ބޭރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އޭނާ ވަނީ ހޯމް މިނިސްޓަރު އިހުސާނާއި ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ދައުވާތަކާ ކުރިމަތިވީ އެ ބޭފުޅުންގެ ކޮރަޕްޝަންގެ އަމަލުތަކެއްގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެންނެވި ހިސާބުން ކަމަށެވެ.

އެ ތުހުމަތުތައް ދޮގުކުރައްވައި އިހުސާން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތް އިރު، ޝަމްއާން އެ ހަދަނީ ދޮގުކަން ކުރިން ވެސް މީޑިއާގައި ދަންނަވާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ. 

"މި މައްސަލާގައި ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ ވެސް އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން މި މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފު. މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް އަޅުގަނޑު ވާނީ ފުލުހުންގެ މުއައްސަސާގައި އެދިފައި،" އިހުސާން ވިދާޅުވި އެވެ. 


ޖިނާއީ ދައުވާ އުފުލައި، އޭނާގެ މައްޗަށް ހުކުމް އިއްވަނީ އެއްވެސް ހެއްކެއް ނެތި ކަމަށާއި އެކަން ކުރަނީ ތުހުމަތުވާ އެހެން މީހުންނަށް އެކި ޑީލްތައް ދައުލަތުން ހުށަހަޅައިގެން މައްސަލައެއް އުފައްދައިގެން ކަމަށް ޝަމްއާން އިއްޔެ ވިދާޅުވި އެވެ.  

ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރަން ވެގެން، އޭނާއާ އެކު ބަޔަކު ހައްޔަރުކޮށް، އެ މީހުންނަށް އެކި ލުއިތަކުގެ ނަމުގައި ދައުލަތުން ޑީލްތައް ހުށަހެޅި ކަމަށެވެ. އެ ލުއިތައް ދައުލަތުން އެ މީހުންނަށް ދިނީ އޭނާއާ ދެކޮޅަށް ބަޔާންދޭ ގޮތަށް ޝަރުތުކޮށްފައި ކަމަށް ޝަމްއާން ވިދާޅުވި އެވެ. 

އޭނާގެ މައްޗަށް ސާބިތު ހިފޭ ހެއްކެއް ނެތް ކަމަށާއި މިއީ ސީދާ ދައުލަތުގެ ވެރިން އަންގައިގެން އޭނާގެ މައްޗަށް ކޯޓުން އިއްވާ ހުކުމެއް ކަމަށް ޝައްމާން ވިދާޅުވި އެވެ. 

ޝަމްއާންގެ ވާހަކަތަކާ ގުޅިގެން، ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިއްޔެ ވިދާޅުވި ގޮތުގައި، ރައީސްއާ ގުޅޭ ގޮތުން ޝަމްއާން ދެއްކެވީ ކަނޑައެޅިގެން ދޮގު ވާހަކަ އެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށްފަހު އޭނާގެ އަތުން ފަސް ލައްކަ ރުފިޔާ އަތުލައިގެން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ބުނާ މައްސަލައިގައި ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ. އެ މައްސަލާގައި ކޯޓުން އިއްޔެ ހުކުމްކުރީ ޝަމްއާންގެ މައްޗަށް ކުރި ފޭރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަދި މަނީލޯންޑްރިންގެ ދައުވާ ސާބިތުވާތީ އޭނާ 25 އަހަރަށް ޖަލަށް ލުމަށެވެ.