ކާބޯތަކެތި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތް ހަދައިފި އެވެ.

ކާބޯތަކެތި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެމްއެފްޑީއޭއިން ވަނީ ރާއްޖޭގައި އުފައްދާ ތަކެއްޗާއި އެކްސްޕޯޓުކުރާ ކާބޯތަކެއްޗަށް ހާއްސަކޮށްގެން "ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދު" އިއްޔެ ނެރެ އަމަލުކުރަން ފަށައިފަ އެވެ. 

އެ ގަވައިދުން ވަނީ އެއްފަހަރު ބޭނުންކޮށްގެން އުކާލާ ޕޮލިއިތެލީން ޓެރެފްތަލޭޓް (ޕީއީޓީ) ފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުން ވެސް މަނާކޮށްފަ އެވެ. އޭގެ އިތުރުން، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތް ވަނީ ހަދައިފަ އެވެ. 

އޭގެތެރޭގައި؛

  • މީހެއްގެ އަމިއްލަ ނަމުގައި ނުވަތަ އޭނާގެ ފަރާތުން އެހެން މީހަކު މެދުވެރިވެގެން އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުމަކީ ނުވަތަ ވިޔަފާރީގެ ބޭނުމަށް އުފެއްދުމަކީ ނުވަތަ ތައްޔާރުކުރުމަކީ ނުވަތަ ބަންދުކުރުމަކީ ނުވަތަ ގަނެ ވިއްކުމަކީ މަނާ ކަމެއް. އެއާ ހިލާފުވެއްޖެ ނަމަ 10،000-70،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ މީހެއްގެ ލައިސަންސް ވަކި މުއްދަތަކަށް ހިފަހައްޓައި ރަޖިސްޓްރީ ބާތިލްކުރާނެ.
  • އަލުން ރަޖިސްޓްރީކޮށް ނުވަތަ ލައިސެންސް ދޭނީ އެކަމެއް ރަނގަޅުކޮށް ލައިސެންސު ހިފެހެއްޓި މުއްދަތު ހަމަވުމުން.
  • އެ ގަވައިދާ ފުރަތަމަ ފަހަރަށް ހިލާފުވެއްޖެނަމަ 10،000ރ. އިން ޖޫރިމަނާކޮށް ހަތް ދުވަހަށް ލައިސެންސް ހިފަހައްޓާނެ. ދެ ވަނަ ފަހަރު ނަމަ 100،000ރ. އިން ޖޫރިމަނާކޮށް 15 ދުވަހަށް ލައިސެންސް ހިފަހައްޓާނެ.
  • ތިން ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ 750،000ރ. އިން ޖޫރިމަނާކޮށް ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލްވާނެ.
  • އެ އަމަލުގެ ސަބަބުން މީހެއްގެ ސިއްހަތަށް ނުރައްކާތެރި ގެއްލުމެއް ލިބިއްޖެނަމަ ނުވަތަ ފުރާނައަށް ނުރައްކާވެއްޖެ ނަމަ އެ އަމަލު ހިންގި ފަރާތެއް އެއް މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރާނެ.  

ކާބޯތަކެތި ލޭބަލްކުރުމެގެ މިންގަނޑާ ހިލާފުވިއަސް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް ގަވައިދު ވަނީ ހަދައިފަ އެވެ. އޭގައިވާގޮތުން؛

  • ފުރަތަމަ ފަހަރު 10،000ރ. އިން ޖޫރިމަނާ
  • ދެވަނަ ފަހަރު 100،000ރ. ޖޫރިމަނާ
  • ތިން ވަނަ ފަހަރު 500،000ރ. އިން ޖޫރިމަނާ
  • ހަތަރު ވަނަ ފަހަރު 750،000ރ. އިން ޖޫރިމަނާ

ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ލައިސެންސް ބާތިލްކުރެވޭނެ ކަމަށް ބުންޏެވެ.

ޕެކޭޖުކުރުމުގެ ގަވައިދާ ހިލާފުވެއްޖެނަމަ؛

  • ފުރަތަމަ ފަހަރު 5،000ރ. ގެ ޖޫރިމަނާއެއް
  • ދެވަނަ ފަހަރު 10،000ރ. ގެ ޖޫރިމަނާ
  • ތިން ވަނަ ފަހަރަށް 50،000ރ. ގެ ޖޫރިމަނާ
  • ހަތަރު ވަނަ ފަހަރު 75،000ރ. ގެ ޖޫރިމަނާ
  • ފަސް ވަނަ ފަހަރު ނުވަތަ އެއަށްވުރެ ގިނައިން ތަކުރާރުކޮށްފިނަމަ 100،000ރ. ގެ ޖޫރިމަނާއެއް

އެމްއެފްޑީއޭއިން ބުނީ ގަވައިދާ ހިލާފުވާ މީހުންނަށް އިދާރީ ފިޔަވަޅުގެ އިތުރުން ޖިނާއީ ދައުވާކުރެވޭނެ ކަމަށެވެ. އަދި ކާބޯތަކެތި ރައްކާތެރިކުރުމުގެ ގަވައިދާ ހިލާފަށް އެ ތަކެތި އެތެރެކުރުމުގެ ސަބަބުން ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ހޯދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ބުންޏެވެ.