ޒުވާން ބިނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދިވެހި ވަތަނީ ހިދުމަތުގެ ތަމްރީނު ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި ހިމެނޭ ދަރިވަރުންގެ ތެރެއިން 137 ދަރިވަރަކު ދިވެހި ސިފައިންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށްފި އެވެ.

ރައީސް މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، އަގީދާ ވަރުގަދަ، ރޫހާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ދިވެހި ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގެ އެންމެ ފުރަތަމަ ބެޗު ނިންމައި، އެކިއެކި ދާއިރާތަކުން ވަޒީފާ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ސިފައިންގެ ހިދުމަތަށް ކުރިމަތިލި ޒުވާނުންނަށް ހިންގި 72 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުން 137 ދަރިވަރަކު ދަސްވެނިވެފައިވާ ކަމަށެވެ. އެއީ ރާއްޖޭ 20 އަތޮޅެއްގެ 70 ރަށެއްގެ 137 ދަރިވަރުން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މި ކޯހުން އެކި ވަނަތަށް ހާސިލް ކުރި އެންމެހާ ބައިވެރިންނަށް މަރުހަބާ ދަންނަވަން. އަދި ސިފައިންގެ މަތިވެރި ހިދުމަތަށް ކުރިމަތިލި އެންމެހާ ޒުވާނުންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަން،" ރައީސް ވިދާޅުވި އެވެ. 

ވަތަނީ ހިދުމަތުގެ ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ތަންތަނުގައި ވެސް ވަޒީފާ އަދާކުރުމުގެ އިހުތިޔާރު ދެ އެވެ. 

އެމްއެންޑީއެފުން ހިންގާ ނެޝަނަލް ސާވިސް ނުވަތަ ވަތަނީ ހިދުމަތުގެ ދެވަނަ ބެޗް ފުރިހަމަކުރި ޒުވާނުންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުގައި ބައިވެރިވާ ޒުވާނުން އެ ތަމްރީނަށް ބ. ކިހާދު އަށް މި މަހު ކުރީކޮޅުގައި ވަނީ ފުރައިފަ އެވެ.

ރައީސް މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން އުފައްދާފައިވާ ވަތަނީ ހިދުމަތަށް ކުރިމަތިލެވޭނީ އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ޒުވާނުންނަށެވެ. އަދި 18 އަހަރުން ދަށުގެ ކުދިން، ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތި އަދި ފުރިހަމަ ސިއްހަތެއްގައި ހުރި ނަމަ ބައިވެރިވެވޭނެ އެވެ.

އެ ހިދުމަތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ސަރުކާރުން މަހަކު 6،000ރ. ގެ އެލަވަންސެއް ދެ އެވެ. 

މިދިޔަ އަހަރު އޮކްޓޯބަރުގައި ފެށި ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ ޓްރެއިނިންގައި 350 ދަރިވަރުން ބައިވެރިވި އެވެ. އަދި މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ފެށި ދެވަނަ ބެޗުގެ ތަމްރީނުގައި ވެސް 350 ޒުވާނުން ބައިވެރިވި އެވެ.

މި ސަރުކާރުގެ އަމާޒަކީ މި އަހަރު ތެރޭގައި އިތުރު 1،000 ޒުވާނުން އެ ތަމްރީންތައް ފުރިހަމަ ކުރުވުމެވެ. އެއީ މުޖުތަމައަށް ފައިދާހުރި ޒުވާނުން ނެރުމަށް ރައީސް މުއިއްޒު މިހާރު އެންމެ އިސްކަން ދެއްވާ ޕްރޮގްރާމް ވެސް މެ އެވެ.