ސިފައިންގެ މީހުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ބަންޑޭރިކޮށި ހިމެނޭ ސަރަހައްދުގައި ވަރަށް އަވަހަށް ހައުސިން މަޝްރޫއުއެއް ފައްޓަވާނެކަން ރައިސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފި އެވެ.
ސިފައިންގެ 134 ވަަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ ވެސް އަސާސީ ހައްގެއް ކަމަށާއި އެއީ ދިވެއްސަކަށްވީތީ ލިބެންޖެހޭ އެންމެ އަސާސީ ހައްގު ކަމަށެވެ.
ސަރުކާރުގެ އެންމެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި އެކަން ކަނޑައެޅީ އެހެންވެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ގައުމާއި މިނިވަންކަން ދިފާއުކުރުމަށް ފަހު ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެންމެ މުހިއްމުކަމަކީ އަސާސީ ބޯހިޔާވަހިކަން ކަމަށެވެ.
ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަމަށް ގަބޫލުކުރައްވާ ކަމަށާއި މިހާރު ސަރުކާރުން ހުޅުވާލާފައިވާ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ވެސް ސިފައިންނަށް ވަކި އަދަދަކަށް ފްލެޓު ކަނޑައެޅީ އެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ އެ ޕްރޮގްރާމުގެ ދަށުން ސިފައިންނަށް 100 އަދި ފުލުހުންނަށް ވެސް 100 ފްލެޓު ކަނޑައަޅާފައިވެ އެވެ.
ނަމަވެސް، އެ އަދަދަކީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އެގޮތުން ބަލާއިރު ދިވެހި ރައްޔިތުންގެ ހިތުގައި އެންމެ މަތިވެރި ޝަރަފު އޮތް ދިވެހި ސިފައިންނަށް މި ހައްގު ލިބިގެންދާންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މިހާރު ހުޅުވާލާފައިވާ ޕްރޮގްރާމުގައި ވަކި އަދަދެއް އޮންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް ސިފައިންގެ އާއިލާތައް ދިރިއުޅެމުން އަންނަ ބަނޑޭރި ކޮށި އިތުރަށް ތަރައްގީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.
ބަނޑޭރި ކޮއްޓަކީ ސިފައިންގޭގައި ދެމިތިބިހާ ހިނދަކު ވަކި ސިޔާސަތެއްގެ ދަށުން އެ މީހުންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެކެވެ. އެކަމަކު އެތަނަށް އަޅާނުލާ އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށާއި އެތަނުގެ ބޭނުން ހިފާ ސިފައިންގެ އާއިލާތައް ވެސް މަދުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ބަނޑޭރި ކޮށި އެހެން އޮންނަތާ ވަރަށް ދުވަސްވެއްޖެ އަޅާނުލާ އޮންނަތާ. އެހެންވީމަ އެތަން ކަމާބެހޭ ވުޒާރާއިން ހައުސިން މިނިސްޓްރީން މަސައްކަތްތަކެއް ވަނީ ފަށާފައި. އެތަނަކީ ސާވިސްގައި ދެމި ހުރިހާ ހިނދަކު ކަނޑައެޅިފައިވާ ވަކި ސިޔާސަތެއްގެ ދަށުން ބޯހިޔާވަހިކަން ލިބޭ ތަނަކަށްވާއިރު ތަނުގެ ބޭނުން ހިފާ އާއިލާތަކާއި ސިފައިން މަދު،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެހެންވެ، އެތަނުގައި ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ. ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އެތަނުގެ އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމަ ބަނޑޭރި ކޮށި މުޅި ސަރަހައްދު އެއްކޮށް ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގައި އެތަނުގައި އަޅުގަނޑު މި އުއްމީދުކުރެވެނީ އެތަނުގައި ކުރެވޭ މަސައްކަތުގެ އަމަލީ ސްޓޭޖަކަށް މި އަހަރު ތެރޭގައި ގެންދެވޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓަކީ ސިފައިންނާއި ފުލުހުންނާއި އެމީހުންގެ އާއިލާތަކަށް ހިންގޭ މަޝްރޫއުއެކެވެ. އަދި ހިދުމަތުގައި ދެމިތިބޭ މުއްދަތުގައި އެ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.
"އެންމެ ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު. ކުރިއަށް އޮތް އަށް މަސް އަޅުގަނޑުމެންގެ ޓާގެޓަކީ އަމަލީ ގޮތުން އެ ސަރަހައްދުގައި ބޮޑު ހައުސިން ޕްރޮޖެކްޓެއް އިރާދަކުރެއްވިއްޔާ ސިފައިނާއި ފުލުހުންނަށް އަދި އާއިލާތަކަށް އޭގެ އެންމެ ނަފާ ލިބޭ ގޮތަށް ސާވިސްގައި ތިބޭއިރު ލިބޭ ގޮތަށް ހައުސިން ކަނޑައެޅިގެންދާނެ ގޮތަށް ބޮޑު ހައުސިން ޕްރޮޖެކްތެއް އިރާދަކުރެއްވިއްޔާ ފަށާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މަޝްރޫއު ފެށުމާ އެކު މިވަގުތު ބަނޑޭރި ކޮށީގައި ދިރިއުޅޭ ސިފައިން އެހެން ތަނަކަށް ވަގުތީގޮތުން ބަދަލުކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިފައިންނަށް އަމާޒުކޮށް ހައުސިން ބޮޑު މަޝްރޫއުއެއް ފަށަން ނިންމިއިރު މިހާރު ވެސް ހުޅުމާލޭ ފޭސް އެކެއްގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށް ހަދާފައިވާ ފްލެޓުތަކެއް ހުރެ އެވެ.