މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން ޗައިނާގެ ކުންފުންޏަކާ އިއްޔެ ހަވާލުކޮށްފި އެވެ.
ސިފައިންގެ އެކޮމޮޑޭޝަނާއި ލޮޖިސްޓިކްސް އަށް ހާއްސަ ކޮށްގެން ހަދާ އެ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި އިމާރާތުގެ މަސައްކަތް ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ. އެއީ އައްޑޫ ލިންކް ރޯޑު އަލުން ހެދުމުގެ މަސައްކަތް ވެސް ސަރުކާރުން މިދިޔަ ސެޕްޓެމްބަރު 24 ގައި ހަވާލުކުރި ކުންފުންޏެވެ.
ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިމާރާތެއް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ.
ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު ޝަރަފްވެރި ކޮށްދެއްވި އެ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ގިޔާސް އާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ޑިފެންސް މިނިސްޓްރީގެ އިސްވެރިންނާއި ރޯޓައިމް އިންޖިނިއަރިންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި ސިފައިންގެ ގާބިލްކަން އިތުރުކޮށް، އޮޕަރޭޝަންތައް ހިންގަން ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ހާއްސަކޮށްގެން އަޅާ އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.