ވައިރަލް ރޯގާތައް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ އިދާރާއިން މިއަދު ބުނީ ޑެންގީ ހުމާއި ބޭރަށް ހިނގުމާއި ވައިރަލް ހުން އަދި އަރިދަފުސް ރޯގާ ޖެހޭ މީހުން އިތުރުވަމުންދާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ އޭޕްރީލް މަހާ އަޅާބަލާއިރު މި މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މީހުން އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އޭޕްރީލް މަހު 648 މީހަކަށް ބަލި ޖެހުނެވެ. އެ އަދަދު މިދިޔަ މަހު ވަނީ 778 އަށް އިތުރުވެފަ އެވެ.
އަރިދަސްފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވެސް ވަނީ ދެ ގުނަ އިތުރުވެފަ އެވެ. މިިދޔަ އޭޕްރީލް މަހު 24،221 މީހުން އަދި މިދިޔަ މަހު 40،457 މީހަކަށް އަރިދަފުސް ރޯގާ ޖެހުނު ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
ބޭރަށް ހިނގުން ޖެހިގެން ރިޕޯޓްކުރި އަދަދު މިދިޔަ އޭޕްރީލް މަހު 3،993 ގައި ހުރިއިރު އެ އަދަދު މިދިޔަ މަހު ވަނީ 4،726 އަށް އަރައިފަ އެވެ.
ރާއްޖޭގެ ގިނަ އަތޮޅުތަކެއްގައި ޑެންގީ ހުން ވަނީ އިތުރުވެފަ އެވެ. ވައިރަލް ހުން ވެސް ހއ. އަދި ގދ. އަތޮޅު ފިޔަވައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި އިތުރުވެފައިވެ އެވެ.
ބޭރަށް ހިނގުން އިތުރުވެފައިވަނީ މާލެ ސަރަހައްދުގެ އިތުރުން ބ، ކ، އއ، ފ، އަދި ފުވައްމުލަކުގަ އެވެ. އަރިދަފުސް ރޯގާ ވެސް ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވެ އެވެ.