ހދ. ހަނިމާދޫ، ހދ. ނޮޅިވަރަންފަރު އަދި ތ. ވިލުފުށީގައި ހައުސިން ޔުނިޓްތައް އެޅުމާ ގުޅޭގޮތުން އެސްޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބީލަންތައް ބާތިލްކުރީ ގޯސްކޮށް ކަމަށާއި އޭގެ ސަބަބުން ގެއްލުން ވެފައިވާ ނަމަ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ސިވިލް ކޯޓުން ދައުލަތާ ދެކޮޅަށް ކުރި ހުކުމްތަކަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ސިވިލް ކޯޓުން 2022 އަދި 2023 ވަނަ އަހަރު ކޮށްފައިވާ ހުކުމްތައް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، ދަށު ކޯޓުގެ ހުކުމްތައް ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް މި މަހު 15 ގައި ހުކުމް ކުރެއްވީ ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ދީބާނާޒް ފަހުމީ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިންގެ އިއްތިފާގުންނެވެ.
މައްސަލަ ދިމާވި ގޮތް
ފިނޭންސް މިނިސްޓްރީން ވަނީ ތިން ރަށެއްގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފައި:
- ހދ. ނޮޅިވަރަންފަރު: 100 ހައުސިން ޔުނިޓްގެ މަސައްކަތް
- ހދ. ހަނިމާދޫ: 100 ހައުސިން ޔުނިޓްގެ މަސައްކަތް
- ތ. ވިލުފުށި: 64 ހައުސިން ޔުނިޓް ނިންމުމާއި އަލަށް އިމާރާތްކުރާ 36 ހައުސިން ޔުނިޓްގެ ޑިޒައިން އެންޑް ބިލްޑް މަސައްކަތް.
މި މަޝްރޫއުތަކަށް އެސްޖޭ ޖޮއިންޓް ވެންޗާއިން ހުށަހެޅި ބިޑްތަކުގައި އެމްޕްލޯޔާސް ރިކުއަމަންޓްސް އަދި ބީއޯކިއު ފުރިހަމަނުވާ ކަމަށް ބުނެ ނޭޝަނަލް ޓެންޑަ ބޯޑުން އެ ފަރާތްތައް ޑިސްކޮލިފައި ކުރި އެވެ.
މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުން އަދި ސިވިލް ކޯޓުގެ ހުކުމް
އެސްޖޭގެ ބިޑްތައް ބަލައިނުގަތް މައްސަލަ، ބިޑްތަކުގެ މައްސަލަ ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީގައި އެސްޖޭއިން އިސްތިއުނާފު ކުރުމުން، ކޮމިޓީން ނިންމީ؛
- އެސްޖޭ އިން ހުށަހަޅާފައިވާ ބިޑް ޑޮކިއުމަންޓްތަކުގެ ޝަރުތު ހަމަވާ ކަމަސާއި ބަލައިގަންނަންޖެހޭ ކަމަށް.
- ބޭންކް އޮފް ސިލޯނުން ދޫކޮށްފައިވާ ކްރެޑިޓް ފެސިލިޓީ ލިޔުމަކީ (2017 ގައި ކުންފުނީގެ ނަން ބަދަލުވުމުގެ ކުރިން ދޫކޮށްފައިވީ ނަމަވެސް) ކުންފުނީގެ ނަން ބަދަލުވިގޮތް ސާފުކޮށް އެނގެން އޮތް ސައްހަ ލިޔުމެއް ކަމަށް.
- އެހެންވެ ބިޑްތައް ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށާއި ބިޑްތައް އަލުން އިވެލުއޭޓްކޮށްގެން ކުރިއަށް ގެންދިއުމަށް ނޭޝަނަލް ޓެންޑަރަށް އެންގި.
ނަމަވެސް، ނޭޝަނަލް ޓެންޑަ ބޯޑުން އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށް، މަސައްކަތްތައް އެހެން ފަރާތްތަކާ ހަވާލުކުރަން އުޅުމުން އެސްޖޭ އިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން ވަނީ ދައުލަތުން އަމަލުކޮށްފައިވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ކަމަށް ކަނޑައަޅައި، 20 ދުވަސް ތެރޭގައި ބިޑް ރީ-އިވެލިއުއޭޓް ކުރުމަށާއި، އެދިފައިވާ ފަރުވާ ނަގައިދެވެން ނެތް ހާލަތެއްގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު އެސްޖޭ އަށް އޮތް ކަމަށް ހުކުމް ކޮށްފަ އެވެ.
ދައުލަތުގެ އިސްތިއުނާފީ ނުކުތާތަކާއި ހައި ކޯޓުގެ ރައްދު
ދައުލަތުން ހައިކޯޓުގައި މައިގަނޑު ގޮތެއްގައި ވަކާލާތު ކުރީ، މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުމަށް ޓެންޑަ ބޯޑުން ތަބާވާންޖެހޭނީ އެއީ ޓެންޑަ ޑޮކިއުމަންޓާ އެއްގޮތަށް ނިންމާފައިވާ ނިންމުމަކަށްވާ ހާލަތުގައި ކަމަށެވެ. އަދި ހަނިމާދޫ ޕްރޮޖެކްޓް މިހާރު ތިން ވަނަ ފަރާތަކަށް އެވޯޑްކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ، ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރަން އުނދަގޫވާނެ ކަމަށް ބުންޏެވެ.
މި ނުކުތާތަކަށް ރިއާޔަތްކޮށް ހައިކޯޓުން ނިންމީ:
- ކޮމިޓީގެ ނިންމުން ބަދަލެއް ނުކުރެވޭނެ: މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން އުފައްދާފައިވާ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑަ ބޯޑަށް ލިބިގެން ނުވާ ކަމަށް. އެ ކޮމިޓީން ގޮތެއް ނިންމުމުން އެއީ ބިޑާ ގުޅޭގޮތުން އޮތް އެންމެ ފަހުގެ ނިންމުން ކަމަށް.
- ތިންވަނަ ފަރާތަކަށް ދިނުމަކީ އުޒުރެއް ނޫން: ދައުވާއަށް ޖަވާބުދާރީވާއިރު، "ޕްރޮޖެކްޓް އެހެން ބަޔަކަށް އެވޯޑްކޮށްފިއޭ" ބުނުމަކުން އެއީ ކޯޓުން ނަގައިދޭ ފަރުވާއިން ބަރީއަވެވޭނެ ސަބަބެއް ނޫން ކަމަށް. އެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރާއި، ހަރަދުތަކުގެ އެކަށީގެންވާ ތަފްސީލު ދައުލަތަށް ދެއްކިފައި ނުވާކަން.
- ގާނޫނުއަސާސީއާ ހިލާފެއް ނުވޭ: ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތްކަމަށް ސިވިލް ކޯޓުން ކަނޑައެޅީ މައްސަލައިގެ ވަކި މަސްލަހަތުތަކެއް ހިމާޔަތްކުރުމަށް ކަމަށްވާތީ، އެއީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ހިލާފު ނިންމުމެއް ނޫން ކަމަށް.
މި ނިންމުމާ އެކު، ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން އުފައްދާފައިވާ ބީލަމުގެ މައްސަލަތައް ބަލާ މުސްތަގިއްލު ރިވިއު ކޮމިޓީގެ ނިންމުންތަކަކީ ނޭޝަނަލް ޓެންޑަ ބޯޑަށް ބާރު ހިނގާ، އަދި އެ ބޯޑުން ތަބާވުން ލާޒިމް ކުރާ ނިންމުންތަކެއްކަން ވަނީ ގާނޫނީގޮތުން އިތުރަށް ކަށަވަރުވެފަ އެވެ.