ދައުލަތުގެ އިދާރާތަކުން ދޭ ގިނަ ހިދުމަތްތައް ޑިޖިޓަލްކޮށް، އެ ހުރިހާ ހިދުމަތެއް އެއް ޕޯޓަލް އަކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން ލާޒިމުކުރާ ގޮތަށް، ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ އިބްތިދާއީ ބަހުސް މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެންބަރު މުަހްމަދު އަލީ ހުށަހެޅުއްވި އެ ބިލުގައިވާ ގޮތުން ގިނަ ހިދުމަތްތަކަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޑިޖިޓަލްކޮށް ދޭ ހިދުމަތްތަކަށް ބަދަލުކުރުމަށް "މޯލްޑިވްސް 2.0" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ހިންގަން ޖެހޭނެ އެވެ. އެ ޕްރޮގްރާމުން ހާސިލުކުރަން ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެެއިން އެއް ކަމަކީ ދައުލަތުގެ އިދާރާތަކުން ޑިޖިޓަލްކޮށްދޭ ހުރިހާ ހިދުމަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭ ގޮތަށް "ސިޓިޒަން ޕޯޓަލް" ގެ ނަމުގައި ޕޯޓަލްއެއް ގާއިމް ކުރުމެވެ. އެ ޕޯޓަލް އާއި ޑިޖިޓަލް އެހެން ހިދުމަތްތައް ވެސް ހިމެނޭ ގޮތުން ރާއްޖެ ޑިޖިޓަލައިޒް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިންމާނެ ރޯޑްމެޕެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި އެބަ އޮތެވެ.

ނަމަވެސް ގާނޫނުގައި އެކަމަށް ވަކި މުހުލަތެއް ކަނޑައެޅުމުގެ ބަދަލުގައި ބިލުގައި އެކަން ދޫކޮށްލާފައި އޮތީ ބިލް ގާނޫނަކަށް ވުމަށް ފަހު އެ ގާނުނުގެ ދަށުން "ޑިޖިޓަލް  ޓްރާންސްފޮމޭޝަން ކައުުންސިލް"ގެ ނަމުގައި އުފައްދާ ކައުންސިލަކަށެވެ.

ހިދުމަތްތައް ޑިޖިޓަލައިޒް ކުރާނެ ގޮތްތައް ބިލުގެ 18 ވަަނަ މާއްދާގައި ތަފްސީލުކޮށްފައިވާ ގޮތުން ސިޓިޒަން ޕޯޓަލް ގާއިމްކުރަން ޖެހޭނީ ޑިޖިޓަލް އައިޑެންޓިޓީ ބޭނުންކޮށްގެން އިތުބާރު ހުރި ގޮތަކަށް މުއާމަލާތް ކުރެވޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭނެ އެވެ. އެކަމާ ބެހޭ އުސޫލުތައް ކަނޑައަޅަން ޑިޖިޓަލް އައިޑެންޓިޓީ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދަން ވެސް ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ. ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑޭޓާ ހިއްސާކުރެވޭނެ ޑޭޓާ އެކްސްޗޭންްޖް ނިޒާމެއް ވެސް އެ ޕޯޓަލް އާ އެކު ގާއިމްކުރަން ޖެހެ އެވެ. 

"ނެޝަނަލް ސިޓިޒަން ޕޯޓަލް"ގެ ނަމުގައި ގާއިމްކުރާ އެ ޕޯޓަލް މެދުވެރިކޮށް ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ދޭ ހިދުަމަތްތައް ލިބިދޭން ވެސް އެ ބިލު ގާނޫނަކަަށް ވުމުން ލާޒިމްވާނެ އެވެ. އޭގެ ތެރޭގައި ލޯކަލް ކައުންސިލްތައް ވެސް ހިމަނަން ޖެހޭނެ އެވެ. 

ޕޯޓަލް ބޭނުންކުރަން ފަސޭހަކުރަން ހިމަނަން ޖެހޭ ސިފަތައް

ރައްޔިތުންގެ މަޖިލީހުގައި މިހާރު ބަހުސް ކުރިއަށްދާ މި ބިލުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށްވެ، ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފައިވާ ހިދުމަތްތައް ހޯދަން ތައާރަފްކުރާ ޕޯޓަލްއަކީ ބޭނުންކުރަން ވަރަށް ފަސޭހަ ޕޯޓަލް އަކަށް ވާން ޖެހޭނެ އެވެ.

ޕޯޓަލް ބޭނުންކުރަން ތައާރަފްކުރާ އެޕްލިކޭޝަން ދިވެހިބަހުން ވެސް ބޭނުންކުރުމުގެ ފުރުސަތު ދިނުމާއި ޑިޖިޓަލް ލިޓްރަސީ ހުރި މިންވަރަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް ފަސޭހައިން ދެނެގަނެވޭނެ ފަދަ އެޕްލިކޭޝަނަކަށް ހަދަން ވެސް އެ ބިލުން ލާޒިމްކުރެ އެވެ.

އަދި އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ހިދުމަތަކަށް ހަދަން ވެސް އެ ބިލު ގާނޫނަކަށް ވުމުން، އެ ގާނޫނުގެ ދަށުން އުފައްދާ އިދާރާއަށް ލާޒިމުވާނެ އެވެ.

ބިލުގައިވާ ގޮތުން ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ ގިނަ މަސައްކަތްތައް ކުރަން ޖެހޭނީ " މޯލްޑިވްސް ޑިޖިޓަލް ސާވިސް"ގެ ނަމުގައި އުފައްދާ އިދާރާއިންނެވެ. އެ އިދާރާގެ ވެރިއަކަށް ވާނީ "ކޮމިޝަނާ ފޯ ޑިޖިޓަލް ޓެކްނޮލޮޖީ" ގެ ނަމުގައި އުފައްދާ މަގާމެއްގައި ހުންނަވާ ބޭފުޅެކެވެ.