ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަަސާތަކާއި އަމިއްލަ ކުންފުނިތަކާއި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކާ އެކު ކުރާ އޮންލައިން އަދި އެނޫން މުއާމަލާތްތަކުގައި ބޭނުންކުރަން ޑިޖިޓަލް އައިޑެންޓީ ނިޒާމެއް ގާއިމްކުރަން ހަދާ ގާނޫނުގައި، އެ ގާނޫނާ ހިލާފުވާ މީހުންނަށް ބޮޑެތި ޖޫރިމަނާތަކެއް ހިމަނަން ހުށަހަޅައިފި އެވެ.
ސަރުކާގެ ފަރާތުން އަލިފުށި ދާއިރާގެ މެންބަރު އަބްދުއްލަތީފް އަބްދުއްރަހުމާން ހުށަހަޅުއްވައި، އިއްޔެ އިބްތިދާއީ ބަހުސް ފެށި އެ ބިލުގައިވާ ގޮތުން ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމު ގާއިމްކޮށް ހިންގާނެ އިދާރާއެއް އެ ބިލު ގާނޫނަކަށް ވުމުން އުފައްދާނެ އެވެ.
ހާއްސަ ޑިޖިޓަލް މާހައުލެއްގައި ވަކި މީހަކީ ކާކުަކަން އޮޅުމެއް ނެތި ދެނެގަންނަން ޑިޖިޓަލް އައިޑެންޓިޓީ އުފައްދައި ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭ އެ އިދާރާއިން، ހިދުމަތްދޭ ފަރާތްތައް ޒިންމާދާރުކުރަން އަޅާނެ ހަރުކަށި ފިޔަވަޅުތަކެއް އެ ބިލުގައި ހިމަނާފައިވެ އެވެ.
ބިލުގެ 67 ވަަނަ މާއްދާގެ (ހ) ގައިވާ ގޮތުން ޑިޖިޓަލް އައިޑެންޓިޓީ ބިލު ގާނޫނަކަށްވުމަށް ފަހު އެ ގާނޫނާ ނުވަތަ އެ ގާނޫނުގެ ދަށުން ހަދާ ގަވައިދަކާ ހިލާފު ވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ހިމެނޭހެން ފިޔަވަޅު އަޅާނީ ޑިޖިޓަލް އައިޑެންޓިޓީއާ ގުޅޭ ދެ ކަމެއް ކުރާ ފަރާތްތަަކަށެވެ. އެއީ ހިދުމަތްދޭ ފަރާތާއި ޑޭޓާ ޕެރޮސެސަރުން ނުވަތަ ސައްހަކަން ކަށަވަރުކުރެވޭ ކްރެޑެންޝަލް ދޫކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ބިލުގައިވާ ގޮތުން އެއިން ފަރާތްތަކުން ގާނޫނާ ނުވަތަ ގަވައިދާ ހިލާފުވާ ފުރަތަމަ ފަހަރު އަދަބަކީ 500،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ. އެއަށް ފަހު އިތުރުވާ ކޮންމެ ފަހަރަކު 500،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަަދަދަކުން ޖޫރިމަނާ ބޮޑުކުރެވޭނެ ކަަމަށް ވެސް އެ ބިލުގައިވެ އެވެ.
ޖޫރިމަނާކުރުމުގެ އިތުރުން އެ ފަރާތްތަކަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުމާއި ބާތިލުކުރުމަކީ ވެސް އެ ގާނޫނާ ހިލާފުވެއްޖެ ނަމަ އެޅޭނެ ފިޔަވަޅުތަކެވެ.
ޑިޖިޓަލް އައިޑެންޓިޓީ ގާނޫނުގެ ނަމުގައި ގާނޫނެއް ހަދަން ހުށަހެޅި އެ ބިލަކީ ރާއްޖޭ ޑިޖިޓަލައިޒް ކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު ގެންގުޅުއްވާ "މޯލްޑިވްސް 2.0" ސިޔާސަތުގެ ދަށުން މަޖިލީހަށް ހުށަހެޅި ސިލްސިލާ ބިލުތަލުގެ ތެރެއިން ބިލެކެވެ.