ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމެއް ސަރުކާރުގެ މަޝްރޫއެއް ހިންގަން ބޭނުން ވެއްޖެ ނަމަ ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވަކި ޕާޓީއަކަށް ނިސްބަތްނުވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ހުށަހެޅުއްވި އެ ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 59 މެންބަރުންގެ ތެރެއިން 47 ވޯޓުންނެވެ.

އެ ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

ހަންނާނު ހުށަހެޅުއްވި ބިލް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާ އެކު ފާސްކުރީ ލާމަރުކަޒީ ކޮމިޓީން އިއްޔެ ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގަ އެވެ.

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުމަކުން، ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަޒުކަޒީ ގާނޫނު ބަދަލުކުރަން ހުށަހެޅުއްވި އެ ބިލަށް ރޭގެ ބައްދަލުވުމުގައި ދެތިން އިސްލާހެއް ހުށަހެޅި އެވެ. އަދި ކޮމިޓީގައި ބިލް ފާސްކުރީ ރޭ ހުށަހެޅި މުހިއްމު އިސްލާހަކާ ވެސް އެކުގަ އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި އެ އިސްލާހުގައި އޮތީ ކައުންސިލުން ވަކިކުރާ ބިމުގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާ ނަމަ، ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައި އެކަށީގެންވާ ބަދަލު ލިބެން ޖެހޭ ގޮތަށެވެ.