ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ރަށްރަށުގެ ކައުންސިލުތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އޮތްގޮތުން މީހުންގެ ގޯތިގެދޮރު ނާޖާއިޒު ގޮތުގައި ނެގުމަށް މަގުފަހިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. 

އެ ބިލާ ދެކޮޅަށް އަޑުއުފުލުމަށް މަޖިލިސް ދޮށުގައި މިއަދު އެމްޑީޕީން ބޭއްވި ހަރަކާތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ މިހާރު ބިލް އޮތްގޮތުން ކޮންމެ މީހެއްގެ ބިމެއް ވެސް ކެބިނެޓަށް ނެގޭނެ ކަމަށާއި އެއީ މީސް މީހުންގެ ގޯތި ގެދޮރު ނާޖައިޒު ގޮތުގައި ނެގޭނެ ފަދަ އިސްލާހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެ ބިލުގައި ހިމެނޭ ކަންކަމަކީ ގާނޫނުއަސާސީއާ ހިލާފް ކަންކަމެވެ. 

"ގާނޫނުއަސާސީއާއި މި ބިލާ ވަރަށް ވަރަށް ބޮޑަށް ތައާރުޒުވޭ. ވަރަށް އަރާރުން ބޮޑު. އަދި ފުންކޮށް ބައްލަވައިފިއްޔާ އެ ބިލުގައި އެބަވޭ އެހެން ބައިވަރު އުނި ކަންތައްތަކެއް ވެސް. އަޅުގަނޑު ހިތުން އެއީ ހެދިފައި ހުރި ގޯސް،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އެ ބިލްގެ ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައިވާ އަދި ކޮންމެ ރައްޔިތެއްގެ ވެސް ބިން ނެގުމުގެ ބާރު ކެބިނެޓަށް ދީފައި ވިޔަސް، އެއީ އެކަންކަމާ ބަސް ނުބުނެ ދިވެހިން ތިބޭނެ ޒަމާނެއް ނޫން ކަމަަށެވެ. 

އެ ބިލުގައި ހިމެނޭ ކަންކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ނަޝީދު ވަނީ މަޖިލީހުގައި ބިލަށް ބަހުސް ކުރުމުގެ ފުރުސަތު ވެސް ދޭން ނުޖެހޭ ކަމަށް ވިދާޅުވެ، ބިލު އަނބުރާ ގެންދެވުމަށް ގޮވާލައްވައިފަ އެވެ. 

"މިއީ ރާއްޖޭގެ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑު ހިތުން މި ބިލް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތެއް ވެސް ނެތް. ފުރަތަމަ ބިލު ރަނގަޅުކޮށްގެން ގެނައުން ވަރަށް ރަނގަޅު،" 

މިސާލެއް ނަންގަވައި ނަޝީދު ވިދާޅުވީ ރަށްރަށުގެ ސްކޫލުތަކުގެ ނަން އެޑިއުކޭޝަން މިނިސްޓްރީގެ ނަމަށް ބަދަލުކޮށްދެނީ މިހާރު ކައުންސިލުތަކުން ކަމަށާއި އެކަމަކު ބިލުގައިވާ ގޮތުން ދެން އެ ބިންތައް ރަޖިސްޓްރީކޮށްދޭނެ ފަރާތާ މެދު ސުވާލު އުފެދޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިހާރު ވަރަށް ބޮޑަށް އޮޅުންގަނޑެއްގެ ތެރެއަށް މި ވަންނަނީ. އަޅުގަނޑަށް ފެންނަ ގޮތުގައި އެއްގޮތަކަށް ވެސް ވިސްނާނުލާ ހުށަހެޅިފައި އޮތް ބިލެއް މިއީ. ބުއްދިވެރި ގޮތަކީ އަނބުރާ ގެންދިއުން. އެއްގޮތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ މި ތަސްދީގުކޮށްގެން ނުވާނެ." އެ ބިލަކީ ރަށްތަކުގެ މިލްކިއްޔާތު ރައްޔިތުންގެ އަތުން ނިގުޅައިގަތުމަށް ހުށަހަޅާފައިވާ ބިލެއްގެ ގޮތުގައި ސިފަކުރައްވާ ނަޝީދު ވިދާޅުވި އެވެ. 

މިހާރު ކައުންސިލުތަކުން ބަލަހައްޓަމުންދާ ބިންތައް ރަށްރަށުގެ އިހުތިސާސް އިން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. 

މަޖިލީހުން އެ ބިލް ބަލައިގެންފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ވޯޓުންނެވެ. 

ބިލުގައިވާ ގޮތުން ކައުންސިލުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލުގެ އިހްތިސާސުން ވަކިކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ. އަދި އެގޮތަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށްފަހު، އެކަން ކަމާބެހޭ ގައުމީ އިދާރާއިން ކައުންސިލަށް އެންގުމުން، އެ ބިމެއް ނުވަތަ ތަނެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމަށްވާނެ ކަމަށް ބިލުގައިވެ އެވެ. 

އެ ބިލުގައި ބުނީ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރުމަށް ފެށުމުގެ ކުރިން ވެސް ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއުއެއް ކުރިއަށް ގެންދިއުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތްތަކުގައި އެ މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލުން ގައުމީ އިދާރާއާ ހަވާލުކުރަންވާނެ ކަމަށެވެ.