ރައްޔިތުންގެ މަޖިލިހަށް ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ގާނޫނުއަސާސީގައި ހިމަނައި އެ ފާސްކުރީ އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމަށް ދަތިކުރަން ކަމަށް ވިޔަސް އޭގެ ގެއްލުންވީ އެމްޑީޕީ އަށް ކަމަށާއި އެހެންވެ ކަމެއް ކުރާއިރު ހަމައެކަނި ތިމާމެންގެ އަމިއްލަ ފައިދާ އަށް ވިސްނައިގެން ނުވާނެ ކަމަަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް އިންތިހާބުގެ މާފުށީގެ ކެމްޕެއިނަށް އެ ރަށުގައި ރޭ ބޭއްވި ޖަލްސާގަ އެވެ. 

މީގެ 18 އަހަރު ކުރިން 2008 ގައި ގާނޫނުއަސާސީ އިސްލާހު ކުރިއިރު ސަރުކާރުގެ ހިންގުމާ ގުޅޭ ބޮޑެތި ބާރުތަކެއް ރައްޔިތުންގެ މަޖިލިހަށް ޖަމާކުރުމުން އޭރު ވެސް އެ ކަންބޮޑުވުންތައް އޮތެވެ. 

ގާނޫނުއަސާސީ ފާސްކުރިއިރު ރައްޔިތުންގެ ހާއްސަ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ވެސް އިސް ދައުރެއް އަދާކުރެއްވި އިބޫ ވަނީ އެ ދުވަސްވަރުގެ ބައެއް ހަނދާތައް ރޭ އާކުރައްވައިފަ އެވެ. 

އިބޫ ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަށް ބޮޑެތި ބާރުތަކެއް ޖަމާކުރުމަށް، ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލިހުގެ ބާބު ފާސްކުރުމުން އެ މަނިކުފާނު އެ ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލިހުގައި އިންނެވި އެމްޑީޕީގެ އޭރުގެ ސީނިއާ މެމްބަރެއްގެ އަރިހުގައި ދެންނެވި ކަމަށެވެ. 

"ކިހިނެއްހޭ ވެރިއަކު ވެރިކަން ކުރާނީ؟ އަޅުގަނޑަށް އޭރު ވިސްނުނު ގޮތް އެއީ. އަޅުގަނޑު އެ ވާހަކަ އަޅުގަނޑުމެންގެ ސީނިއާ އެމްޕީއެއްގެ ކައިރީގައި ދެއްކިން. ކިހިނެއްހޭ ދެން ރާއްޖޭގައި ވެރިކަމެއް ކުރާނީ؟ މިއީ ރިޔާސީ ނިޒާމެއްގެ ވާހަކައޭ މި ދައްކަނީ،" އިބޫ އޭރުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވި އެވެ. 

"ބާރުތައް މި އޮތީ ރައްޔިތުންގެ މަޖިލިހަށް ގަނޑުކޮށް ޖަމާކޮށްފައޭ."

މާފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް އިބޫ ވާހަކަފުޅު ދައްކަވަނީ.
މާފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް އިބޫ ވާހަކަފުޅު ދައްކަވަނީ.

އެ ކަންބޮޑުވުންތައް އެމްޑީޕީގެ ރައްޔިތުންގެ މަޖިލިހުގެ އެ ސީނިއާ މެމްބަރަށް ދެންނެވުމުން އިބޫ ވިދާޅުވި ގޮތުގައި އެދިވަޑައިގަތީ އެ ވާހަކަ އެހާ ބޮޑަށް ނުދެއްކެވުމަށެވެ. ސަބަބަކީ އާ ގާނޫނުއަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބު މައުމޫން ކާމިޔާބު ކުރައްވާނެ ތަން އެ މެމްބަރަށް ފެނިވަޑައިގަތުމެވެ. އެ ހާލަތުގައި ރައްޔިތުންގެ މަޖިލިސް އެމްޑީޕީ އަށް ލިބި މަޖިލިހުގެ ތެރެއިން މައުމޫނަށް "ދަތިކުރުން" އެއީ ސިކުނޑީގައި އެނބުރެމުން އައި ކަމެކެވެ.

"ތިމަންނަމެންނަށް ފެންނަ ގޮތުގައި 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އަދި އަންނާނީ ރައީސް މައުމޫނޭ. ރައީސް މައުމޫން ބަލިކުރެވޭ ތަނެއް ތިމަންނަމެންނަކަށް ނުފެނެއޭ. އެކަމަކު ރައްޔިތުންގެ މަޖިލިސް ތިމަންނަމެން [އެމްޑީޕީ] ނަގާނަމޭ. އެހެންވީމާ އެތާނގައި ނޫންހޭ ބާރުތައް އޮންނަން ވަނީ،" އެ ސީނިއާ މެމްބަރާ ހަވާލާ ދެއްވައި އިބޫ ވިދާޅުވި އެވެ.

ނަމަވެސް އިބޫ ފާހަގަކުރެއްވި ގޮތުގައި 2008 ގެ ރިޔާސީ އިންތިހާބުގައި ކަންކަން ނިމުނީ އެ މެމްބަރުގެ ވިސްނުމާ މުޅިން އިދިކޮޅަށެވެ. ސަރުކާރު އެމްޑީޕީ އަށް ލިބުނުއިރު ރައްޔިތުންގެ މަޖިލިހުގެ ބާރު އޮތީ ރައީސް މައުމޫން އަތްޕުޅުގަ އެވެ. 

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު 2008 ވެރިކަމާ ހަވާލުވެވަޑައިގެން އޭގެ ފަހުން ދެން ފެނުނީ ރައްޔިތުންގެ މަޖިލިސް އިދިކޮޅަށް ލިބި އަދި ބޮޑެތި ބާރުތަކެއް މަޖލިހުގައި އޮތުމުން ވެރިކަން ހިންގަން ދަތިވެގެން އުޅުއްވި ތަނެވެ.  

"އެހެންވީ ކަމެއް ކުރާއިރުގައި ހަމައެކަނި ތިމާއަށް އެ ވަގުތަކު ފައިދާ ހުރި ގޮތަކަށް ކަމެއް ކޮށްގެން ލަނޑެއް ލިބިދާނެ،" އިބޫ ވިދާޅުވި އެވެ. 

އެއާ އެކު، ދެން އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން މި ސަރުކާރުން މަސައްކަތް ކުރާއިރު އޭގެ "ބޮޑު ލަނޑެއް" 2028 ގެ ރިޔާސީ އިންތިހާބުގައި ފަހަރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ލިބިދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ، 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން 2014 ގެ ރައްޔިތުންގެ މަޖިލިސް ކާމިޔާބު ކުރެއްވީ 68 ޕަސެންޓުން ކަމަށެވެ. އޭގެ ފަހުން 2018 ގައި އެމްޑީޕީ ވެރިކަމަށް އައިސް ޖެހިގެން އައި 2019 ވަނަ އަހަރު އެ ޕާޓީން ރައްޔިތުންގެ މަޖިލިސް ކާމިޔާބުކުރީ 75 ޕަސެންޓުންނެވެ. ދެން އެންމެ ފަހުން ރައީސް މުއިއްޒު 2023 ގައި ވެރިކަމަށް ވަޑައިގެން 2024 ގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވީ ހުރިހާ ބޭފުޅުންނަށް ވުރެ މަތިން 85 ޕަސެންޓުންނެވެ. 

އެ ހިސާބުތަކާ ހަވާލާ ދެއްވައި އިބޫ ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބާވާއިރު، ވެރިކަމުގައި ތިބި ބަޔަކު ރައްޔިތުންގެ މަޖިލިސް ނަގާނީ މާ ބޮޑަށް ވެސް މަތިންނެވެ. އޭގެ ނަތީޖާއަކަށް ވާނީ އިބޫ ގަބޫލުފުޅު ކުރައްވާ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުން "ބަންދު" ވުމެވެ.