ފުލުހުންގެ ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ދެ މީހަކު ހައްޔަރުކޮށްފި އެވެ. 

ބަންދުގައި ހުރި މީހަކު ފިލުވަން އެހީތެރިވެދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. 

އެ ދެ މީހުން ވެސް 15 ދުވަހަށް ބަންދުގައި ބަހައްޓަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެ އެވެ. 

އެ އަމުރުގައިވާ ގޮތުން ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ދެ މީހުންގެ މައްޗަށް ވެސް ހެކި އެބަހުއްޓެވެ. އެގޮތުން ބަންދުގައި ހުރި މީހާ ފިލުވަން މަސައްކަތް ކުރާ ސީސީޓީވީ ފުޓޭޖް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވެ އެވެ. 

ހައްޔަރުކުރި ދެ މީހުން ފިލުވަން މަސައްކަތް ކޮށްފައިވަނީ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމެންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި މީހެކެވެ.