ސަލްޓަން ޕާކްގައި އީ ސްޕޯޓްސް އޭރިއާއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ އިއުލާނު ކޮށްފި އެވެ.
ފިނޭންސުން ކުރި އިއުލާނުގައި ބުނީ އެކަމަށް ބަޔަކު ހޯދަނީ އިންފްރާސްޓްރަކްޗާ މިނިސްޓްރީން އެދިގެން ކަމަށެވެ. އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އާއި ފިނޭންސް މިނިސްޓްރީގެ "ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު" ގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ "ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތަށް ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން ބާއްވަން އޮންނާނީ އަންނަ ހޯމަ ދުވަހު ހެނދުނު 11:00 ގައި މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ.
ބީލަމުގައި ބައިވެރިވުމަށް ކޮންމެ މަސައްކަތަކަށް 500ރ.ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ އެވެ.
ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުކުރި އެވެ. އެ މަރާމާތަށް ފަހު މި އަހަރުގެ ކުޑަ އީދު ދުވަހު އެތަން ހުޅުވާލި ނަމަވެސް މަސައްކަތްތައް އެއްކޮށް ނުނިމޭތީ މިހާރު ވެސް ވަކި ވަގުތުތަކަށް ބަންދު ކުރެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ.