ހުޅުމާލޭގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކްކުރުން ގިނަ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެކަން ނުކުރަން ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ޕޭވްމަންޓްތަކުގައި، އުޅަނދު ޕާކުކުރުން އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންވެ އެފަދަ ސަރަހައްދުތަކުގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ހުޅުމާލޭގައި ޕޭވްމަންޓްތަކުގައި ޕާކްކުރުމާއި މަގުތަކުގެ ދެ ފަޅީގައި ޕާކްކޮށް ދަތުރުފަތުރަށް ދަތިވުމުގެ މައްސަލަ ދަނީ ބޮޑުވަމުންނެވެ. އަދި ފްލެޓް އިމާރާތްތަކުގެ ދެމެދުގައި މީހުން ހިނގަން ހާއްސަކޮށްފައި އޮންނަ މަގުތަކުގައި ވެހިކަލް ދުއްވުމާއި ޕާކް ކުރުމުން ފަދަ ކަންކަން ވެސް ވަނީ އާންމު ކަމަކަށް ވެފަ އެވެ.
ހިނގާ މީހުންނަށާއި މަގު ބޭނުންކުރާ މީހުންނަށް އުނދަގޫވާ ގޮތަށް ޕާކްކޮށްފައި ހުންނަ އުޅަނދުތައް ބައެއް ފަހަރު ފުލުހުން ޓޯ ކުރި ނަމަވެސް މައްސަލައަށް އެދެވޭ ހައްލެއް ނުލިބި މިކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބުނާ ގޮތުން، ފައިމަގުގައި ހިނގުމަށް ހާއްސަ ޕޭވްމަންޓްތަކުގައި ކުޑަކުދިންގެ ޕްރޭމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފިޔަވައި، އެހެން އެއްވެސް ބާވަތެއްގެ އުޅަނދެއް ދުއްވުމަކީ ނުވަތަ ޕާކުކުރުމަކީ މަނާ ކަމެކެވެ.