އީރާންގެ އަވަހާރަކޮށްލި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހި ސަރުކާރުގެ ފަރާތުން ބޭފުޅަކަށް ބައިވެރިވެވަޑައިނުގެންނެވުނު ސަބަބު ފޮރިން މިނިސްޓްރީން މިއަދު ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޚާމަނާއީ އަވާހަރަވުމާ ގުޅިގެން މިދިޔަ ހުކުރު ދުވަހު އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހުމާ އެކު، އެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހި ސަރުކާރަށް އީރާނުން ދައުވަތު ދިން ކަަމަށެވެ.
އެހެންވެ، ރާއްޖޭގެ ފަރާތުން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ނިންމެވީ ރާއްޖެ އިން ސައުދީ އަރަބިއްޔާ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނަށް ކަނޑައަޅާވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ކަމަށް އިރާނަށް ރަސްމީކޮށް އެންގި ކަމަށް މިނިސްޓްރީން ބުންޏެެވެ.
އެކަމަކު ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް ފުރާވަޑައިގަތުމަށް ކައިރިވެފައިވަނިކޮށް އިރާން އެމްބަސީން އަންގާފައި ވަނީ ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމު ހަމަޖެއްސުމުގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވަޑައިނުގެނެވޭނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ މައުލޫމާތު ލިބުމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން އިރާނަށް ދަތުރު ކުރެއްވުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރި ކަމަށެވެެ.
އެކަމަކު ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނީ ތެހެރާނަށް ދިއުމުގެ ފްލައިޓުތަކަށް ހުއްދަ ދެވޭ ސުންގަޑި ކައިރިވެފައިވާ ކަމަށާއި ސްޓޭޓް މިނިސްޓަރު ރާއްޖެ އިން ފުރާވަޑައިގެން ތެހެރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީ ބައި ނިމޭ ފަހުން ކަމަށް އިރާނު އެމްބަސީން އެންގި އެވެ.
އެހެންވެ، ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް އެ ޖަނާޒާގައި ބައިވެރިކުރުމަށް ނިންމި ނިންމުމަށް އިރާން ސަރުކާރުން ޝުކުރު އަދާކުރާ ކަމަށް އަންގައި ވަނީ އެ ދަތުރު އެ ވަގުތު ކުރުމުގެ ބަދަލުގައި ފަހުގެ ތާރީހެއްގައި ސަރުކާރުގެ އިސް ބޭފުޅަކު ކުރެއްވުމަށް ލަފާދެއްވާފައި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރު ތައުޒިޔާ މެސެޖެއް އިރާނުގެ ފޮރިން މިނިސްޓަރަށް ވަނީ ފޮނުވައިފަ އެވެ.
ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް މިދިޔަ ހުކުރު ދުވަހު ފަށާފައިވާއިރު ޚާމަނާއީގެ ޖަނާޒާގައި ކަޅު ހެދުމުގައި ތިބި އަދި ބަދަލުހިފުމާއި އިންސާފަށް ގޮވާލުމުގެ ރަމްޒެއް ކަމަށް ޝިއައީން ބަލާ ލޭ ރަތްކުލައިގެ ދިދަތައް ވިހުރަމުން ދިޔަ މީހުންނާ އެކު، ވެރިރަށް ތެހެރާނުގެ އިމާމް ހުމައިނީ މުއްސަލާ މައިދާންް އޮތީ އެއްކޮށް ތޮއްޖެހިފަ އެވެ.
އީރާންގައި 1989 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރައްވައި، އިދިކޮޅު ހަރަކާތްތައް ހުއްޓުވައި ހުޅަނގާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވި އުމުރުން 86 އަހަރުގެ ޚާމަނާއީ އަވަހާރަކޮށްލީ ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ. މި ހަމަލާގައި އޭނާގެ އާއިލާގެ ބައެއް މެންބަރުންނާއި މަތީ ފަންތީގެ ބައެއް އޮފިޝަލުން ވެސް ވަނީ އަވަހާރަކޮށްލައިފަ އެވެ.
ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތައް އަޅައި އެތައް ކިލޯމީޓަރެއް ދުރުން މަގުތައް ބަންދުކޮށްފައި ވާއިރު މިއީ 1989 ވަނަ އަހަރު ޚާމަނާއީގެ ކުރިން ހުންނެވި ރޫހުﷲ ޚުމައިނީގެ ޖަނާޒާއަށް ފަހު އީރާނުގައި ބާއްވާ އެންމެ ބޮޑު އާންމު ހަރަކާތެވެ.