ވަކިވަކި މީހުންނަށް ފައިދާވާހެން ގުޅުން ހުރި ވިޔަފާރިތަކުން މާލެ ސިޓީ ކައުންސިލަށް ކޯޓޭޝަން ހޯދާފައިވާއިރު، ލިބުނު އާމްދަނީގެ ތަފްސީލު ވެސް ދިމާނުވާ ކަމަށް އެ ކައުންސިލުގެ 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ކައުންސިލުން އިއްޔެ ނެރުނީ މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެކެވެ.
އެ ރިޕޯޓުގައިވާ ގޮތުން އެއް މަސައްކަތެއްގެ ގޮތުގައި ކުރެވިދާނެ ކަންކަން ބައިބައި ކޮށްގެން ވަކި މަސައްކަތެއްގެ ގޮތުގައި ކޮށްފައިވެ އެވެ.
އެގޮތުން ސާމްޕަލްގެ ގޮތުގައި ނެގި 35،000ރ. އިން ދަށުގެ 46 ޕޭމަންޓު ވައުޗާގެ ޖުމްލަ އަދަދަކީ 1.3. މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 23 ވައުޗާއަށް ކޯޓޭޝަން ހޯދާފައި އޮތީ ބައިބައި ކޮށްގެން ކަމަށާއި އޭގެ ޖުމްލަ އަގަކީ 656،162ރ. ކަމަށް އޮޑިޓުގައިވެ އެވެ.
އެ ސާމްޕަލްތަކުގެ ތެރެއިން 27 ވައުޗާގެ ކޯޓޭޝަން ހޯދާފައިވަނީ ގުޅުހުން ހުރި ވިޔަފާތިތަކުން ކަމަށާއި އެއީ އެއް ކުންފުންޏެއްގެ ދެ ފިހާރަ ދުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތަކަށް ކަމަށް ވެސް އޮޑިޓުން އެނގެ އެވެ. އެ 27 ކޯޓޭޝަނަށްވާ ފައިސާގެ އަދަދަކީ 732،043ރ. އެވެ.
އޮޑިޓުގައި ފާހަގަ ކޮށްފައި ވަނީ މަގު ހެދުމަށް ދޫކުރާ ބޯޑު ހިދުމަތަށް ރޯޑު ސެކްޝަނުން އެކުލަވާލާފައިވާ ދުވަހު ފޮތުގައިވާ އާމްދަނީގެ ތަފްސީލާއި އެ އަހަރުގެ އަހަރީ ރިޕޯޓުގައި އެކުލަވާލާފައިވާ އާމްދަނީގެ ތަފްސީލު ވެސް ދިމާނުވާ ކަމަށެވެ.
އޮޑިޓުގައި ފާހަގަކޮށްފައިވާ އެހެން ބައެއް ކަންކަން
- ހަރުމުދާ ހަމަޔަށް ހުރިތޯ ކަށަވަރު ކޮށްފައި ނުވުން.
- އެ އަހަރު ޑިޕާޓްމަންޓަށް ލިބިފައިވާ އާމްދަނީގެ ރިޕޯޓު ދުވަހުން ދުވަހަށް ތައްޔާރުކުރެވިފައިވާ ނުވުން.
- އެ އަހަރު ހަދާފައިވާ ރަޖިސްޓްރީ އަދި ރަހުނާ ގުޅޭ ލިޔެކިޔުންތައް ނެތުން.
- ކައުންސިލަށް ލިބޭ އާމްދަނީ ލިބޭ ކަންތައްތަކުގެ ދަފްތަރުގެ މާލިޔަތު ގަވައިދާ އެއްގޮތަށް ބަލަހައްޓާފައި ނުވުން.
އެ ހުރިހާ ކަމެއް އިސްލާހު ކުރާނެ ގޮތް ލަފާދީފައި ވާއިރު، އެ އޮޑިޓުގައި އިތުރަށް ބުނެފައި ވަނީ 2020 ވަނަ އަހަރުގެ ބަޖެޓު ކޮންޓްރޯލުގެ މައުލޫމާތު ލިބިފައި ނުވާތީ ބަޖެޓުން ހަރަދު ކޮށްފައި ވަނީ އެޕްރޫވް ކުރި ބަޖެޓާ އެއްގޮތަށް ކަމާއި ބަޖެޓު ކޮންޓްރޯލް ހަދާފައި ވަނީ އުސޫލާ އެއްގޮތަށްކަން އެނގިފައި ނުވާ ކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމުގައި ޝިފާ ހުންނެވި ދުވަސްވަރުގެ އޮޑިޓް ރިޕޯޓެއް އާންމު ކޮށްފައި ވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަނުގެ ތުހުމަތެއް ވެސް ވަނީ ކޮށްފަ އެވެ. އޭރުގެ އަޑިޕާކު ނުވަތަ މިހާރުގެ ލޮނުޒިޔާރަތް ޕާކު ހެދުމުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ކަންތައް ކޮށްފައި ވާތީ ޝިފާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު، ފަހުން އެ މައްސަލަ ޕީޖީން ވަނީ އަނބުރާ އޭސީސީ އަށް ފޮނުވާލައިފަ އެވެ.