ރާއްޖޭގެ ޖަލުތަކުގައި ތިބި ބަންގްލަދޭޝްގެ ގައިދީން، އިންސާނީ ހަމަތަކުގެ މަތިން އެނބުރި ގައުމަށް ގޮސް ހުކުމުގެ ބާކީބައި ފުރިހަމަކުރުމުގެ މަގު ފަހިކޮށްދޭ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންކަން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނެފި އެވެ.
ބަންގުލަދޭޝްގެ ނޫހެއް ކަމަށްވާ ޑާކާ ޓްރައިބިއުންގެ ރިޕޯޓެއްގައި، ބަންގްލަދޭޝް ހައި ކޮމިޝަނުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ ބުނީ މި އެއްބަސްވުން އަވަސްކުރުމަށް ދެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ފުރިހަމަ ކުރަންޖެހޭ ގާނޫނީ ކަންކަން ނިމުމާ އެކު، ރަސްމީކޮށް މި އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާނެ ކަމަށް ހައި ކޮމިޝަނާ ހަވާލާދީ، އެ ނޫހުގައި ބުންޏެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނީ ހައްގުތަކާ ގުޅޭ ކަންކަމުގައި އެއްބާރުލުން އިތުރަށް ވަރުގަދަވެ، ގައިދީންގެ ނަފުސާނީ ދުޅަހެޔޮ ކަމަށާއި މުޖުތަމައުއަށް އަލުން އަހުލުވެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ބަންގްލަދޭޝް އިން ގަބޫލުކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިިޕޯޓުގައި ބުނީ މި މަސައްކަތްތަކުގެ ތެރެއިން، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ހައި ކޮމިޝަނުގެ ވަފުދެއް މާފުށީ ޖަލަށް ވެސް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. މިއީ ރާއްޖޭގައި ތިބި ބަންގްލަދޭޝް މީހުންގެ ހައްގުތަކާއި އިންސާނީ ބޭނުންތައް ކަށަވަރުކުރުމަށް ކުރި ޒިޔާރަތެއް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އެ ޒިޔާރަތުގައި ވަފުދުގެ ބޭފުޅުން ވަނީ މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝްގެ 44 ގައިދީއަކާ ބައްދަލުކޮށް، އެމީހުންގެ ހާލު ބައްލަވައިފަ އެވެ. ހައި ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އޭގެ ތެރެއިން 34 ގައިދީންނަކީ ކުށް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.
ހައި ކޮމިޝަނުގެ ވަފުދުން ކޮންމެ ގައިދީއަކާ ވަކިވަކިން ވާހަކަދައްކައި، ޖަލުގެ މާހައުލާއި ބޭސްފަރުވާ އާއި ކާބޯތަކެއްޗާއި ފޭރާމުގެ އިތުރުން ނިދުމުގެ އިންތިޒާމުތައް ހުރި ގޮތް ވަނީ ބަލައިފަ އެވެ. އެއަށް ފަހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ބައްދަލުކޮށް، ގައިދީންގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތައް ހިއްސާކޮށް، ގާނޫނީ ގޮތުން އެމީހުންނަށް ލިބެން ޖެހޭ ހިދުމަތްތައް ލަސްނުކޮށް ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް ޑާކާ ޓްރައިބިއުންގެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ ގައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ކޮންމެ މީހެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަކީ ހައި ކޮމިޝަނުގެ ޒިންމާއެއް ކަމަށް ކޮމިޝަނަރު ވިދާޅުވި ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި އުޅޭ އެ ގައުމުގެ މީހުންގެ ރައްކާތެރިކަމާއި ލާބައަށް ބަންގްލަދޭޝްގެ ސަރުކާރުން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމަށް ވެސް ހައި ކޮމިޝަނަރު ވިދާޅުވި ކަމަށް އެ ނޫހުގައި ބުންޏެވެ.
ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު ގައިދީން ބަދަލުކުރުމުގެ މި އެއްބަސްވުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެ އެވެ.