ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައިގައި ދެ މީހަކު މިރޭ ހައްޔަރުކޮށްފި އެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އުމުރުން 23 އަހަރާއި 24 އަހަރުގެ ދެ ފިރިހެނުން ކަމަށެވެ. 

ކާމިލް ދީދީ ޕްރީ ސްކޫލުގައި ހުޅުމާލޭ އުތުރު ދާއިރާގެ ވޯޓު ފޮއްޓެއް ގުނަމުން ދަނިކޮށް ކެންޑިޑޭޓުންގެ މަންދޫބުންގެ މެދުގައި ދެބަސްވެ، ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ރޭ ވަނީ އާއްމުވެފަ އެވެ.

އެ ވީޑިއޯއިން އެކަކު އަނެކަކާ ދިމާއަށް، އެ ތަނުގައި ހުރި ގޮނޑިތައް އުކާ މަންޒަރާއި، އިންޒާރުދޭ އަޑު އިވެ އެވެ.

އެ ވީޑިއޯ އާއްމުވުމާ އެކު ފުލުހުން ވަނީ ހުޅުމާލެ 2 ގެ ސްކޫލަށް ބަޔަކު ވަދެ އެ ސްކޫލަށާއި އެ ތަނުގެ މުދަލަށް ގެއްލުންދީ، މީހުންނާ މެދު މާރާމާރީ ހިންގި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ. 

ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު "މިހާރު" އަށް ރޭ ވިދާޅުވީ އެއީ ވޯޓު ގުނުމުގައި އުފެދުނު ހިޔާލުތަފާތުވުމެއްގެ ސަބަބުން ހިނގި ކަމެއް ކަމަށެވެ. އަދި މާބޮޑު ކަމެއް ނުހިނގާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.   

"އެދެން ހަމަނުޖެހުމެއް ނޫން. އެ ވާގޮތަކީ އަޅުގަނޑުމެން މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ އިންތިހާބެއް ދެއްތޯ މިއީ. މިއީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެތެރޭގެ އެންމެ ބޮޑު އިންތިހާބު،" އޭނާ ވިދާޅުވި އެވެ.

"ދެން ހަމައެކަނި ހުޅުމާލޭ އުތުރުގައި ގުނުމުގައި ކޮންމެވެސް ވަރެއްގެ ހިޔާލުތަފާތުވުމެއް. އަނެއްކަހަލަ މާބޮޑު ކަންތައްގަނޑެއް ނޫން." 

އެތެރޭގެ އިންތިހާބަށް ފަހު ކޮންގްރެސް ޕާޓީގެ ޖަގަހަ ކައިރީގައި ހުންނަވައި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނަށް ވިދާޅުވީ އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 40،000 މެމްބަރުންގެ ތެރެއިން ގާތްގަނޑަކަށް 33،000 މީހުން ވޯޓުލާފައިވާ ކަމަށެވެ.