ފީ ނަގައިގެން އަތޮޅު ކައުންސިލްތަކުން ދެމުން ދިޔަ ހިދުމަތްތައް، އެ ކައުންސިލްތައް އުވާލުމާ ގުޅިގެން ހުއްޓުމަކަށް އައުމަށް ފަހު އަލުން ފަށައިފި އެވެ.

ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)ގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ހިދުމަތްތައް އަލުން ފަށާފައިވަނީ ބަނޑޭރި ޕޭ މެދުވެރިކޮށް ފައިސާ ބަލައިގަންނަ ގޮތަށް ކަމަށެވެ.

އެކަން ކުރުމަށް ސިސްޓަމަށް ބަދަލުތައް ގެނައުމަށްފަހު، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަތޮޅު އޮފީސްތަކުން ހިދުމަތްތައް ފަށާފައިވާ ކަމަށް އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވި އެވެ. 

އުޅަނދުތަކުގެ ލައިސެންސް ހެއްދުމާއި އަހަރީ ފީތައް އަދި ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގެ ހިދުމަތްތައް އަތޮޅު ކައުންސިލްތަކުން ކުރިން ދިޔައީ ފޯރުކޮށްދެމުންނެވެ.

ނަމަވެސް، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެކު، މިދިޔަ މެއި 17 ވަނަ ދުވަހުން ފެށިގެން ވަނީ އަތޮޅު ކައުންސިލްތައް އުވާލައި އެ ތަންތަން އެލްޖީއޭގެ އަތޮޅު އޮފީހަށް ބަދަލުކޮށްފަ އެވެ.

އެ ހިދުމަތްތައް އޭރު ހުއްޓާލީ ގާނޫނީ ގޮތުން އުފެދުނު ސުވާލަކާ ގުޅިގެންނެވެ. އެއީ، ކައުންސިލްތަކަކީ ފީ ނަގައިގެން ހިދުމަތް ދެވޭ ބަޔަކަށް ވިއަސް ގާނޫނުން އެ ބާރު އެލްޖީއޭއަށް ނޯންނާތީ އެވެ.

އޮފިޝަލް ވިދާޅުވީ ބަދަލުތައް ގެނައީ، އަތޮޅު އޮފީސްތަކުގެ މާލީ ޒިންމާދާރުވެރިއަކީ ވެސް، އެލްޖީއޭގެ މާލީ ޒިންމާދާރުވެރިޔާ ކަމަށް ކަނޑައަޅައިގެން ކަމަށެވެ.