މާދަމާ ފާހަގަކުރާ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސަރުކާރުގެ ހާއްސަ މެހުމާނެއްގެ ގޮތުގައި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއްރަހްމާން ހަމަޖެއްސުމާ ގުޅިގެން އޭނާ މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރެގައި މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ވަޑައިގެންފައި މިވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ލިބުނު ދައުވަތެއްގަ އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ހަލީލުއްރަހްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދުގެ ހަވީރު އިހުތިރާމުގެ ޒިޔާރާތެއް ވެސް ކުރައްވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަރަކާތްތަކުގައި ދިވެހި ސަރުކާރުގެ ހާއްސަ މެހުމާނެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަތުމުން ޝުކުރު ދަންނަވާފައި ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ދެ ބޭފުޅުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު ވެސް މަޝްވަރާކުރައްވައިފަ އެވެ. އަދި ގިނަ ގައުމުތަކުން ގުޅިގެން ކުރާ މަސައްކަތްތަކާއި ތައުލީމުގެ ފުރުސަތުތަކާއި ފަރުދީ ފެންވަރުގައި ގުޅުން ބަދަހިކުރުމުގެ މައްޗަށް ދެ ބޭފުޅުން ވެސް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
ރައީސް މުއިއްޒާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ހަލީލުއްރަހުމާންގެ ބައްދަލުވުން ނިންމަވާލެއްވީ ދެ ގައުމުގެ ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވައި، ދެ ގައުމަށް ވެސް ފައިދާކުރާނެ ދާއިރާތަކުން އިތުރަށް އެއްބާރުލުން ދެވިދާނެ މަގުތައް ހޯދުމަށް ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވަމުން ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ވެ އެވެ.
ރާއްޖޭގެ މި އަހަރުގެ މިނިވަންދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވާނީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު އަދި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައުދީގެ ކެބިނެޓް މެމްބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒެވެ.
ސައޫދީގެ ވަލީއަހުދުގެ މަންދޫބު މިއަދު ވަނީ ރައީސް މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވައިފަ އެވެ.