އދ. ދިގުރަށު ހިނގި އަލިފާނުގެ ހާދިސާގައި ބަންގުލަދޭޝްގެ ފަސް މީހަކު މަރުވުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ތޯރިގު ރަހްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިދިޔަ ހުކުރު ދުވަހު ދިގުރަށުގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު މަރުވުމާއި އިތުރު ދެ މީހަކަށް އަނިޔާވުމުން، ރައީސް މުއިއްޒު ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.
ރައީސްގެ ސިޓީފުޅުގައި، މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ނުހަނު ފުން ހިތާމައެއް ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، މި ހިތާމަވެރި ދަނޑިވަޅުގައި، ބޮޑުވަޒީރަށާއި އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި ހާއްސަކޮށް މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހަމްދަރުދީ ފާޅުކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެމަނިކުފާނާއި ދިވެހިން ތިބީ މި ހާދިސާގައި މަރުވި މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ އާއިލާތަކާ އެކުގައި ކަމަށާއި ހާދިސާގައި ޒަހަމްވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ ދިވެހި މުޖުތަމައުގައި ބަންގްލަދޭޝްގެ މީހުން އަދާކުރާ ދައުރަކީ އަގުނުކުރެވޭ ދައުރެއް ކަމަށާއި މި ހާދިސާގެ ސަބަބުން ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހިން ހިއްސާވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށެވެ.
މި ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީންތަކެއްގައި ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. ތިންވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލަކު އިއްޔެ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލުގައި ފަރުވާ ދެމީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އަދިވެސް އެމީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 24 ޕަސެންޓު ފިހިފައި ވާއިރު، ދެވަނަ މީހާގެ 17 ޕަސެންޓު ވަނީ ފިހިފަ އެވެ. އަދި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވާތީ، ދެމީހުންގެ ވެސް ފުއްޕާމެއަށް ގެއްލުން ވެފައިވެ އެވެ.
އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ އެ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް، އެ ހާދިސާ ހިނގި ގޮތާ ބެހޭ ގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ކުރިން ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން ބިދޭސީން ތިބީ ނިދާފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި 30 ބިދޭސީއަކު ދިރިއުޅުނެވެ.