އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ ދެ ބިދޭސީންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިރޭ ބުނެފި އެވެ.
ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކަށް އަނިޔާވި އެވެ. އޭހެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. އަނެއް މީހާއަށް އެ ރަށު މަރުކަޒުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
އައިޖީއެމްއެޗްގެ މިޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މަރުވި ފަސް މީހުންގެ ޓެސްޓުތަކެއް ހަދަން ޖެހޭތީ އެ މީހުން ވެސް މިއަދު ހަވީރު މާލެ ގެނެސްފައިވާ ކަމަށެވެ.
އަދި ފިހިގެން އަނިޔާވެ ގެނައި ދެ މީހުންގެ ހާލު ސީރިއަސް ކަމަށާއި ފަރުވާދެނީ އައިޖީއެމްއެޗުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މީހުންގެ ހާލު ސީރިއަސް ކަމަށް ބުނި ނަމަވެސް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން މީހުން ތިބީ ގޭތެރޭގައި ނިދާފައި ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ގޭގައި 30 ބިދޭސީން އުޅެ އެވެ.
އެ މައްސަލަ މިހާރު އެޗްއާރްސީއެމުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ބިދޭސީންގެ ގިނަ އެކޮމަޑޭޝަން ބްލޮކްތަކަކީ އިންސާނީ ހައްގާއި ކަރާމަތް ހަނިވާ ގޮތަށް ހުންނަ ތަންތަން ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އަދި އެފަދަ ތަންތަނުގެ ހާލަތުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގައި، އެތައް ބިދޭސީންނެއް މަރުވެފައިވެ އެވެ.