އދ. ދިގުރަށުގައި ބިދޭސީން ތިބި އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާއަށް މަހެއްހާ ދުވަސްވީއިރު، ކަމާބެހޭ އިދާރާތަކުން މައްސަލަ ތަހުގީގު ކުރިތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު އެދިއްޖެ އެވެ. 

މިދިޔަ މަހުގެ 12 ވަނަ ދުވަހު ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީންތަކެއްގައި ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. އަދި ތިން ވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ އެ ބިދޭސީންތައް މަރުވި މައްސަލައިގެ މައުލޫމާތުތައް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށެވެ.

މައުލޫމާތު ހޯދަން އެދުނު ކަންކަން:

  • އެމީހުން ދިރިއުޅުނު ގެއަކީ ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ގާނޫނުގައިވާ ގޮތަށް ދީފައިވާ ތަނެއްކަން ސާފުކުރުން
  • ނިޔާވި ބިދޭސީން ގެ ވޯކްޕާމިޓް އޮންނަތޯ އާއި މަސައްކަތްކުރަމުން ދިޔައީ ކޮން ބައެއްގެ ދަށުންކަން ސާފު ކުރުން
  • އެމީހުން ދިރިއުޅުނު ގެއަކީ އިމާރާތް "އެކްސްޕެޓްރިއޭޓް އެކޮމޮޑޭޝަން" ވިޔަފާރީގެ ހަރަކާތުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަނެއް ނަމަ، އެ މައުލޫމާތު ހޯދުން
  • އެ އިމާރާތަކީ ބިދޭސީން ބޭތިއްބުމުގެ މިންގަނޑަށް ފެތޭ ތަނެއްކަން ހޯމްލޭންޑް ސެކިއުރިޓީ މިިނިސްޓްރީން ބަލާފައިވޭތޯ ބަލައި އެކަމާ ގުޅޭ ލިޔެކިޔުންތައް ހޯދުން
  • ބިދޭސީންގެ ބްލޮކްތައް ބެލުމަށް މިނިސްޓްރީން ގެންގުޅޭ އުސޫލު ހޯދުން
  • އެފަދަ ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ތަންތަން ފާހަގަ ކޮށްފައިވޭތޯ ބެލުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތައް ހޯދުން
  • އެ ބިދޭސީންނަށް ވަޒީފާދިން މީހުން، ބިދޭސީން އުޅެން ހަމަޖެއްސި ތަނަކީ ގަވައިދާ އެއްގޮތްވާ ތަނެއްކަން ކަށަވަރުކޮށްފައިވާތޯ ބެލުން
  • ފުލުހުން ތަހުގީގެއް ހިންގިތޯ އާއި ތަހުގީގެއް ހިންގިނަމަ ހާދިސާ ހިނގައިދިޔަ ސަބަބު ހޯދިއްޖެތޯ އާއި އެއްވެސް ފަރާތަކުން އިހުމާލުވިކަން ފާހަގަވިނަމަ އަމަލުކުރަން ނިންމި ގޮތް ސާފުކުރުން
  • އެ ބިދޭސީން އުޅުނު އިމާރާތަކީ މީހުން އުޅެން ކައުންސިލުން ހުއްދަ ދޫކޮށްފައި އޮތް އިމާރާތެއްތޯ އާއި ގިނަ ބަޔަކު ދިރިއުޅުމަށް ކައުންސިލުން ހުއްދަ ދޫކޮށްފައި އޮތް ތަނެއްތޯ ބެލުން
  • އެ އިމާރާތަކީ މީހުން އުޅުން ނުރައްކާތެރި ތަނެއް ކަމަށް ކައުންސިލަށް ފާހަގަކުރެވިފައިވާ ތަނެއްތޯ އާއި ނުވަތަ އެ ތަނުގައި މީހުން އުޅުން ހުއްޓުވުމަށް ކައުންސިލުން މަސައްކަތް ކޮށްފައިވާނަމަ އެ ތަފްސީލު

ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން ބިދޭސީން ތިބީ ނިދާފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ތަނުގައި 30 ބިދޭސީން އުޅެ އެވެ.

ރޯވި ރޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް އާންމުވިއިރު، އެ ވީޑިއޯތަކުން ފެންނަނީ އެ ގޭގެ ފަހަތުން ފާރު ތަޅާލައިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ތަނެވެ. އަދި މަރުވި މީހުންގެ ހަށިގަނޑުތައް ވެސް ނެރޭތަން ފެނެ އެވެ.