އދ. ދިގުރަށުގައި ބިދޭސީން ތިބި އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުން އަންނަ ދެ ބިދޭސީންނަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީންތަކެއްގައި ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. ތިން ވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ އަށް ހަފުތާއަކަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު ވެސް އެ މީހުންނަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.

އެ ދެ މީހުންގެ ހާލަތަށް އިތުރު ކުރިއެރުމެއް ނާންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފައިވާއިރު އޭގެ ތެރެއިން އެކެއްގެ ހަށިގަނޑުގެ 24 ޕަސެންޓު ވަނީ ފިހިފަ އެވެ. ދެވަނަ މީހާގެ 17 ޕަސެންޓު ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައި އެވެ.

ހޮސްޕިޓަލުން މީގެ ކުރިން ބުނެފައި ވަނީ ދެ މީހުންނަށް ވެސް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާތީ ފުއްޕާމެއަށް ގެއްލުން ވެފައިވާ ކަމަށެވެ.

ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. 

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން ބިދޭސީން ތިބީ ނިދާފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ ތަނުގައި 30 ބިދޭސީން އުޅެ އެވެ.

ރޯވި ރޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ ވީޑިއޯތަކުން ފެންނަނީ އެ ގޭގެ ފަހަތުން ފާރު ތަޅާލައިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ތަނެވެ. މަރުވި މީހުންގެ ހަށިގަނޑުތައް ވެސް ނެރޭތަން ފެނެ އެވެ.