މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި، ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި އެކަކަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ކުރީ ރޭ ފަތިހު 5:27 ހާއިރު އެވެ. 

އެ ހާދިސާގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެއީ އިންޑިއާގެ ތިން މީހުންނާއި ސްރީ ލަންކާގެ މީހެކެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ވެސް ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގި ގޭގެ ފާރު ވެއްޓި ގެއްލުންވެފައި. -- ފޮޓޯ: އެންޑީއެމްއޭ
އަލިފާނުގެ ހާދިސާ ހިނގި ގޭގެ ފާރު ވެއްޓި ގެއްލުންވެފައި. -- ފޮޓޯ: އެންޑީއެމްއޭ

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހޮސްޕިޓަލަށް ހެންދިޔަ ހަތަރު މީހުންގެ ތެރެއިން ދެ މީހަކަށް ފަރުވާދެނީ އައިސީޔޫގައި ކަމަށެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނެއް ދެ މީހުންގެ ތެރެއިން އެކަކު ވޯޑުގައި ބާއްވައިގެން ފަރުވާދެމުން އަންނައިރު އަނެއް މީހާ އަށް ފަރުވާދެނީ އިމަޖެންސީ ރޫމުގައި ކަމަށް ވެސް އެ އޮފިޝަލު ވިދާޅުވި އެވެ.

އެންޑީއެމްއޭއިން ބުނީ ވެންޓިލޭޓަރުގައި އޮތް މީހާގެ އިތުރުން އެ ހާދިސާގައި އަނިޔާވި ތިން މީހުން ފިހި، އަނިޔާތައް ވެފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ޑިޒާސްޓާ މެނޭޖްމަންޓުގެ ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެންޑީއެމްއޭ
އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ޑިޒާސްޓާ މެނޭޖްމަންޓުގެ ޓީމުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެންޑީއެމްއޭ

އެނގިފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ ފަސް ކޮޓަރި ހިމެނޭ، 15 މީހުން އުޅޭ ތަނެއްގަ އެވެ. އަލިފާނުގެ ހާދިސާގައި އެ ތަނުގެ ފާރެއް އިމާރާތުގެ ފެން މީޓަރުގެ މައްޗަށް ވެއްޓުމުގެ ސަބަބުން ހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވެ، މުޅި އިމާރާތަށް ގެއްލުން ވެފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ. 

އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި 41 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.