މާލޭގެ ގެއެއްގައި ރޭ ފަތިހު ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށާއި އެތަނުން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ގ. ދޫގަސްގޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ ފަތިހު 5:27 އެހާއިރު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި ހަތަރު ބިދޭސީންނަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އިރު އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ނަމަވެސް އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
އަނިޔާވެފައިވަނީ ބަންގްލަދޭޝް ދެ މީހަކާއި އިންޑިއާގެ ދެ މީހަކަށެވެ.
އެގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި، އަލިފާނުގެ ހާދިސާ ހިނގީ ފަސް ކޮޓަރި ހިމެނޭ، 15 މީހުން އުޅޭ ތަނެއްގަ އެވެ. އަލިފާނުގެ ހާދިސާގައި އެތަނުގެ ފާރެއް އިމާރާތުގެ ފެން މީޓަރުގެ މައްޗަށް ވެއްޓުމުގެ ސަބަބުން ހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވެ މުޅި އިމާރާތަށް ގެއްލުން ވެފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.