މިއަދު ހެނދުނު ގޭސް ލީކުވުމުގެ ހާދިސާ ހިނގި ވަގުތު އެ ގޭގައި ދިރިއުޅެމުންދިޔަ ދެމައިން ނެރުނީ ގޭގެ ދޮރު ފަޅާލައިގެން ވަދެ ކަމަށް މަންޒަރު ދުށް މީހުން ބުނެފި އެވެ.
އެ ހާދިސާ ހިނގީ ވަރަށް ހަނި ގޯޅިއެއް ކަމަށްވާ ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ މއ. އަސްޓްރަލްގެ ދެވަނަ ފަންގިފިލާގަ އެވެ.
މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި އެ ގެ އަށް ފަޔާ ލޮރީ ދިޔައީ ހެނދުނު 10:00ހާއިރު އެވެ. ގެއާ ހަމައަށް ދިޔައިރު މުޅި ހިސާބުގައި ވަރަށް ގަދައަށް ގޭހުގެ ވަސް ހިފާފައި ހުރި ކަމަށް ވެސް ބުންޏެވެ.
އެ ގޭގައި ދިރިއުޅޭ މީހުންގެ ފޯނަށް ވެސް ގުޅޭނެ ގޮތެއް ނެތް ކަމަށާއި، އެމްއެންޑީއެފްގެ ފަޔާމަނުން ގޮސް އެ ގޭގެ ދޮރުގައި ޓަކިޖެހުމުން، އެތެރެއިން މީހަކު ކެއްސާ އަޑު އިވުނަސް، ޖަވާބެއް ނުދިން ކަމަށް މަންޒަރު ދުށް މީހަކު ކިޔައިދިނެވެ.
ނަމަވެސް، ގޭތެރެއިން މީހަކު ކެއްސާ އަޑުއިވޭތީ، ގޭގެ ވެރިފަރާތުން ހުއްދަ ދިނުމުން ވަގުތުން ދޮރު ފަޅާލައިގެން އެތެރެއަށް ވަނީ ކަމަށާއި އެ ވަގުތު ފެނުނީ އެ ގޭގައި ދެމައިން ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓިފައި ތިއްބާ ކަމަށް ވެސް އޭނާ ބުންޏެވެ.
އެތަނުން އެންމެ ފުރަތަމަ ނެރެގެން ގެންދިޔައީ 19 އަހަރުގެ އަންހެން ދަރިފުޅެވެ. އެ ކުއްޖާގެ ގައިމަތީގައި ފޮތިގަނޑެއް އަޅައި، ކޮނޑަށް ލައިގެން ނެރުނުއިރު، އޮތީ ހަބަރު ހުސްވެފަ އެވެ.
އޭގެ ފަހުން ނެރުނީ އެ ކުއްޖާގެ 51 އަހަރުގެ މަންމަ އެވެ.
އޭނާ ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގިކަން އެނގުނު ވަގުތުން ފެށިގެން ސަލާމަތީ ބާރުތަކުން ވަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭ ދޮރު ފަޅާލައި، އެ ދެމައިން އެތަނުން ނެރެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ ހާދިސާގައި މަރުވީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު ކަމަށެވެ.
ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެނަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެ މީހާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގައި ހުންނަ ހައިޕަބެރިކް ޗެމްބާގަ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ އެ ޒުވާނާގެ މަންމަ އެވެ. އަދި އެ ގޭގައި ދިރިއުޅެނީ ވެސް އެ ދެމައިން އެކަންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާއިރު، އެ ގެ ހުރި ހިސާބުގައި ގޭސް ވަސް ވަރަށް ގަދަޔަށް ހުރި ކަމަށް ބައެއް މީހުން ބުންޏެވެ.