ގޭސް ލީކުވުމާ ގުޅޭގޮތުން ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 400 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށާއި އެންމެ ގިނައީ ގޭސް ފުޅީގެ ތުނބާއި ޕެކިން ހަލާކުވުމުން ހިނގި ހާދިސާތައް ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު"ން ހުށަހެޅި ސުވާލުތަކަށް އެ މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ދިން ޖަވާބުގައި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުން 2022 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ގޭސް ލީކުވުމާ ގުޅޭ 442 މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. މި އަހަރުގެ މިހާތަނަށް 74 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އޭގެ ތެރޭގައި އެންމެ ގިނައީ ގޭސްފުޅީގެ ތުނބާއި ޕެކިން ހަލާކުވެގެން ގޭސް ލީކުވުން އަދި ކައްކާ އުނދުނުގެ މައްސަލައެއްގެ ސަބަބުން ހިނގި ގޭސް ލީކުވުމުގެ ހާދިސާތަކެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި ގޭސްފުޅި ގޮވައިގެން 28 އަދި ފުޅީގައި ރޯވެގެން 21 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
އެފަދަ ހާދިސާތަކުގައި 40 މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނުއިރު ފަސް މީހަކު މަރުވެފައިވާ ކަމަށެވެ.
ގޭސް ލީކުވެފައިވާ ނަމަ ސަމާލުކަން ދޭން ޖެހޭ ކަންތައް
- އަލިފާން ކަނި ކަނޑާ އެއްވެސް އެއްޗެއް ބޭނުން ނުކުރުން
- ކަރަންޓު އެއްވެސް ސްވިޗެއް ޖައްސައި އަދި ނުނިއްވުން
- ތަނުގެ ތެރޭގައި ވައި ދައުރުވާ ގޮތަށް ހުރިހާ ދޮރުތަކެއް ހުޅުވުން
މިނިސްޓްރީން ބުނީ ގޭސްފުޅީގައި އާއްމުކޮަށް މައްސަލަ ހުންނަ ކަމަށް ފާހަގަނުކުރެވޭ ކަމަށެވެ.
އެކަމަކު، ބައެއް ފަހަރު ގޭސްފުޅި ގެންނައިރު ޕިން ތާށިވެފައި ހުރުމުން ގޭސް ލީކުވުމުގެ ހާދިސާތައް ދިމާވާ ކަމަށް ބުންޏެވެ. އަދި ގޭސް ލީކުވުމާ ގުޅިގެން މާލެ ސަރަހައްދުގައި އެންމެ ފާހަގަކުރެވޭ އެއް ކަމަކީ ވެސް ގެއަށް ގެންނަނީ އެންމެ ރައްކާތެރި ގޭސް ފުޅިތޯ ފިޒިކަލީ ޗެކް ނުކުރުމެވެ.
"[އެންމެ ގިނައިން ދިމާވަނީ] ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ރަނގަޅަށް ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުން ގޭސް ލީކުވުމުގެ ހާދިސާތައް ދިމާވުން. މިގޮތުން ގަވައިދުން ގޭސް ހޮޅި ޗެކް ނުކުރުން. އަދި އަމިއްލައަށް މޮޑިފައި ކޮށްފައިވާ އުނދުން ބޭނުންކުރުން،" އެ މިނިސްޓްރީން ބުންޏެވެ.
އެފަދަ ހާދިސާތަކުން ސަމާލުވާން މިނިސްޓްރީން ދީފައިވާ ރިކޮމެންޑޭޝަނަކީ ގޭހުގެ ހިދުމަތްދޭ ފަރާތްތަކާއި ވިޔަފާރިތަކަށް ހާއްސަ ގައިޑްލައިންތަކެއް އެކުލަވާލުމެވެ. އަދި ރެސްޓޯރެންޓާއި ކެފޭތަކުގައި ގޭސްފުޅިއާ ހޮޅިތައް ހުންނަނީ ރައްކާތެރިގޮތެއްގައިތޯ ބަލަން ގަވައިދުން އިންސްޕެކްޓުކުރުމަކީ ވެސް ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅެކެވެ.
އޭގެ އިތުރުން ގޭސް ވިއްކާ ފަރާތްތަކުން ގޭބިސީތަކަށް ގޭސްފުޅި ޑެލިވަކޮށްދޭއިރު ރެގިއުލޭޓަރާއި ހޮޅީގެ ހާލަތަށް ބަލައި ކަސްޓަމަރުންނަށް އިރުޝާދު ދިނުން ލާޒިމްކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.
"ގޭބިސީތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ބާރުއެޅުން. ގޭބިސީތަކުގައި އަދި ވިޔަފާރިތަކުގައި ގޭސް ޑިޓެކްޓާ ހަރުކުރުން. ވިއްކާ ގޭސް ހޮޅި އާއި ރެގިއުލޭޓަރަކީ ފެންވަރު ރަނގަޅު ސްޓޭންޑާޑްގެ ތަކެއްޗަށް ހެދުން،" ލިޔުމުން ދިން ޖަވާބުގައިވެ އެވެ.