މާލޭގެ ގެއެއްގައި ގޭސް ލީކުވުމުގެ ހާދިސާއެއް މިއަދު ހިނގައި އަންހެނަކު މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، ވަރަށް ހަނި ގޯޅިއެއް ކަމަށްވާ ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ ގެއެއްގައި ފުރަތަމަ ފަންގިފިލާގައި ހިނގި މި ހާދިސާއަށް ފަހު އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10:30 ވި ފަހުން ކަމަށާއި ހާލު ދެރަވެގެން ދެ އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔައިރު، އެތަނުން އެކަކު މަރުވެފައިވާ ކަމަށެވެ.
މި ހާދިސާގައި މަރުވީ މާލެ ދަފްތަރު ނަންބަރު ރސ 6210، ޒާހިދާ ތައުފީގު، 51، އެވެ.
ހާލު ދެރަވި އުމުރުން 19 އަހަރުގެ އަންހެނަކަށް އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗުގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެ މީހާއަށް މިވަގުތު ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގައި ހުންނަ ހައިޕަބެރިކް ޗެމްބާގަ އެވެ.
އެނގިފައިވާ ގޮތުގައި، މި ހާދިސާގައި މަރުވީ އެ ޒުވާނާގެ މަންމަ އެވެ. އަދި އެ ގޭގައި ދިރިއުޅެނީ ވެސް އެ ދެމައިން އެކަންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް އަދި ސާފު ނުވާއިރު، އެ ގެ ހުރި ހިސާބުގައި ގޭސް ވަސް ވަރަށް ގަދަޔަށް ހުރި ކަމަށް ބައެއް މީހުން ބުންޏެވެ.