މާލޭގެ އުސްފަސްގަނޑާ ދިމާލުން ތޮށިގަނޑުގައި ހުރި ގާތަކުގެ ތެރޭގައި ތާށިވި މީހާ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް އޭނާ ހޮސްޕިޓަލުން ގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ގާތަކުގެ ތެރޭގައި މިދިޔަ ހުކުރު ދުވަހު ތާށިވެފައި އޮއްވާ އޭނާ އެތަނުން ނަގައިގެން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔައީ އެ ދުވަހު އިރުއޮއްސުނު ފަހުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ  އެ މީހާއަށް އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ދަނިކޮށް ފަރުވާ މެދުކަނޑާލައި އޭނާ އަމިއްލައަށް ހޮސްޕިޓަލުން ގޮސްފައިވާ ކަމަށެވެ.

ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެ އެވެ.

އޭނާ އެ ގާތަކުގެ ތެރެއިން ނެގީ އެމްއެންޑީއެފްގެ ފަޔާ ސާވިސް އެންޑް ރެސްކިއު ސާވިސްއިންނެވެ. 

އެ މީހާ އެތަނުގެ ތާށިވި ގޮތެއް އަދި އެކަމާ ބެހޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.