ހުޅުމާލެ ރުއްގަނޑު 1 ގައި ހުންނަ މެރިނޭޓް ކެފޭގައި މިއަދު ގޭސްފުޅިއެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފި އެވެ. 

ފުލުހުން ދެންމެ ބުނީ ހުޅުމާލެ ރުއްގަނޑު 1 ކައިރީގައި ހުންނަ އެ ކެފޭގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

އެ ހާދިސާގައި ފަސް މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ ކަމަށާއި އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާދިނުމަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއީ ކެފޭގައި މަސައްކަތްކުރާ ހަތަރު ބިދޭސީއެކެވެ. 

ނަމަވެސް ހޮސްޕިޓަލުގެ ބަހެއް އަދި ނުލިބޭތީ، އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލް އަދި ނޭނގެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ކެފޭގައި ތިބި އެއްވެސް ކަސްޓަމަރަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ. އަދި ކެފޭގެ އިމާރާތާއި ބަދިގޭގައި ހުރި އެއްވެސް މުދަލަކަށް ވެސް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ބާރު އަޑެއް އިވުމާ އެކު ކަސްޓަމަރުން ބޭރަށް ނުކުންނަން އުޅުމުގެ ތެރޭގައި ކެފޭގެ ބައެއް ތަށިތައް ވެއްޓި ތެޅިފައިވާ ކަމަށް ބުންޏެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެމްއެންޑީއެފްއާ ހަވާލާދީ ބުނި ގޮތުގައި ގޭސް ފުޅި ގޮވުމުގެ ހާދިސާގައި އަނިޔާވި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.