މާލެ އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ލޯންޗެއްގައި ރޭ ދަންވަރު ރޯވެ، ކެޕްޓަންގެ ހަށިގަނޑުގެ އެކި ތަންތަން ފިހިގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ ރޭގެ ދަންވަރު ތިނެއް ޖަހާކަންހާއިރު ހިނގި އެ ހާދިސާގައި ކެޕްޓަންގެ ކަރާއި މޭމަތި ފިހިފައިވާ ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެނެސް މިހާރު ފަރުވާދެމުން އަންނަ ކަމަށެވެ. 

ލޯންޗުގައި ރޯވިއިރު އެ އުޅަނދުގައި ހުރި ހަމައެކަނި މީހާއަކީ ވެސް އުމުރުން 34 އަހަރުގެ ކެޕްޓަން ކަމަށް ފުލުހުން މީޑީއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ. 

ލޯންޗަށް އެކި ވަރުގެ ގެއްލުންތައް ވެފައިވާއިރު، އަލިފާނުގެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ ފަތިހު 5:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. 

ލޯންޗުގައި ރޯވާން ދިމާވި ސަބަބެއް ތަހުގީގު ކުރަމުން އަންނާތީ ފުލުހުން އަދި ނުބުނެ އެވެ.