ށ. ފުނަދޫގައި އިއްޔެ ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގަށް ހާއްސަ ޓީމެއް މިއަދުގެ ވަގުތެއްގައި އެ ރަށަށް ދާނެ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުނަދޫގައި އަމިއްލަ ފަރާތަކުން ހިންގާ އަދި އެ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ފެތުރި، މީހުން ދިރިއުޅޭ ގެއަކަށާއި އެ ސަރަހައްދުގައި ހުރި ސައިކަލަކާއި އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި ގުދަނަކަށާއި ވެހިކަލް ޕާކްކުރާ ކުޑަ ގަރާޖެއް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައި ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ރޭ ބުނީ، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށާފައިވާ ކަމަށެވެ.

"މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި ސީން ޕްރޮސެސްކޮށް، ތަހުގީގަށް އެހީތެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ށ. ފުނަދޫއަށް މާދަމާ [މިއަދުގެ] ހެދުނު ދިއުމަށް ވަނީ ހަމަޖެހިފަ އެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ. 

އެންޑީއެމްއޭއިން އިއްޔެ ބުނީ، ގެއްލުންވި ގޭގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެ 11 މީހުންގެ ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމެވެ. އެެއީ ފަސް ދުވަހުގެ މުއްދަތަށް އެ އޮތޯރިޓީން ބުންޏެވެ.

ފުނަދޫ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި އަލިފާން ރޯވީ އިއްޔެގެ ހެނދުނު 8:30 ހާއިރު އެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވުނީ މެންދުރު 12 ޖަހާކަންހާއިރެވެ. އޭރު ވަނީ އަލިފާންގަނޑު ފެތުރި ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިފަ އެވެ. 

ފުލުހުން ބުނި ގޮތުގައި، އެ ހާދިސާގައި 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ. އޭގެ ތެރޭގައި ދުމުގެ އަސަރުކުރުމުގެ ސަބަބުން ފަރުވާދިން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއް ހިމެނޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

"އަދި އަނެއް 16 މީހުންނަކީ، ހާދިސާގެ ތެރެއިން އެއްޗެއް ގޮވުމާ ގުޅިގެން ރައްކާތެރިކަން ހޯދުމަށް މަސައްކަތް ކުރުމުގެ ތެރޭގައި އެކި ވަރުގެ އަނިޔާ ލިބުނު މީހުންނާއި ކަންބޮޑުވެ، ހާސްވުމުގެ ސަބަބުން ސިއްހީ ފަރުވާ ބޭނުންވި މީހުންނެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖުގައި ވެ އެވެ.