ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެއްލުންވި ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

އެންޑީއެމްއޭ އިން ބުނީ ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެއް ގެއެއްގައި ދިރިއުޅޭ 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ފަސް ދުވަހުގެ މުއްދަތަށް އެ އޮތޯރިޓީން ހަމަޖައްސާދީފައިވާ ކަމަށެވެ. 

ފުނަދޫ ބަނދަރު ސަރަހައްދުގައި މީހަކު ހިންގާ ޕެޓްރޯލް ޝެޑެއްގައި އަލިފާން ރޯވީ މިއަދު ހެނދުނު 8:30 ހާއިރެވެ. އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ މެންދުރު 12:00 ހާއިރެވެ.

އެ ހާދިސާގައި ގެއަކާއި ދެ ގުދަނަކަށް ވެސް ގެއްލުންވި އެވެ. 

އެ ހާދިސާގައި އެކި ވަރުގެ އަނިޔާތައް ލިބިގެން 18 މީހަކަށް ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ އެވެ. އޭގެ ތެރެއިން ބައެެއް މީހުންނަށް ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. 

އާންމުން ވެސް ދިރިއުޅޭ ސަރަހައްދުގައި ހުރި ފުނަދޫގެ ހަމައެކަނި ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރީ އެމްއެންޑީއެފާއި ފުލުހުންނާއި ފުނަދޫ އެއާޕޯޓާއި މާފަރު އެއާޕޯޓު އަދި ޖޭ ޑަބްލިޔު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިޔު ޓީމުތަކުގެ އިތުރުން އާންމުން ގުޅިގެން ކުރި މަސައްކަތުންނެވެ.