މާލޭގެ ގެއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 23 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ހ. އުނިހިޔާގޭގެ ތިންވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރުފަހު 3:00 ހާއިރު އެވެ.

އެމްއެންޑީއެފްގެ ފަޔާފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހަވީރު 4:19 ހާއިރު އެވެ.

ހ. އުނިހިޔާގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކޮޓަރިއެއްގައި ރޯވި އަލިފާން ނިއްވާލާފައި-- ފޮޓޯ: އެންޑީއެމްއޭ
ހ. އުނިހިޔާގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކޮޓަރިއެއްގައި ރޯވި އަލިފާން ނިއްވާލާފައި-- ފޮޓޯ: އެންޑީއެމްއޭ

އެންޑީއެމްއޭއިން ބުނީ އެ ގޭގައި ދިރިއުޅުނު 23 މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ. އެއީ އުމުރުން 18 އަހަރުން މަތީގެ 20 މީހުންނާއި 18 އަހަރު ނުވާ ތިން ކުދިންނެވެ.

އެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި ހަތަރު ވަނަ ފަންގިފިލާގައި ދިރިއުޅުނު ހަތް މީހަކަށް އަންނައުނު ވެސް ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

ހ. އުނިހިޔާގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކަރަންޓު ބޯޑު ގުޅާފައި ހުރިތަން-- ފޮޓޯ: އެންޑީއެމްއޭ
ހ. އުނިހިޔާގޭގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އެ ގޭގެ ކަރަންޓު ބޯޑު ގުޅާފައި ހުރިތަން-- ފޮޓޯ: އެންޑީއެމްއޭ

އެ އިދާރާއިން ބުނިގޮތުގައި، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް އެ ގޭގެ ހަތަރެއް އަދި ފަސް ވަނަ ފަންގިފިލާއަށް އަލިފާނުގެ އަސަރު ކޮށްފައިވެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓް ޝޯޓެއް ވެގެންކަން ލަފާކުރެވޭ ކަމަށް ވެސް ބުންޏެވެ.