ރޭ އަލިފާނުގެ ހާދިސާ ހިނގި އެޕާޓްމަންޓުގައި އުޅުނު ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގ.ފަހިވައިގޭގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ސިޓިންރޫމްގަ އެވެ. އެ ހާދިސާ ރިޕޯޓުކުރުމުން ނިއްވުމުގެ މަސައްކަތް ރޭ 8:40 ހާއިރު ފަށައި 9:25 ހާއިރު ނިއްވާލެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ ތިން އަންހެނަކާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށެވެ.
އަލިފާނުގެ ސަބަބުން އެ އިމާރާތުގެ ބައެއް އެޕާޓްމަންޓްތަކަށް ދުމުގެ އަސަރު ކުރި ނަމަވެސް، ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ނުވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
އެ ހާދިސާ ހިނގި ވަގުތު އެހީތެރިކަން ފޯރުކޮށްދޭން އުޅުނު ފުލުހަކު، ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި އަތް ކަނޑައިގެންގޮސް ރޭ ފަރުވާދީފައިވެ އެވެ. އެކަމަކު އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.