ކެމިކަލް ގުދަނެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެ ސަރަހައްދުގައި ހުރި 10 ގެޔަކުން މީހުން ހުސްކޮށް 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންތް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ކުރީގެ ޑްރަގް ކޯޓާ ޖެހިގެން ހުރި ގުދަނުގައި ރޭ 9:45 ހާއިރު ހިނގި ހާދިސާއާ ގުޅޭ ގޮތުން އެންޑީއެމްއޭއިން ބުނީ ރޭ ދަންވަރު 2:30 އާ ހަމައަށް 15 ގެއަކުން 454 މީހުން އިވަކުއޭޝަން ސެންޓަރުގައި ރަޖިސްޓްރީ ކުރި ކަމަށެވެ. އެއީ 69 އަންހެނުންނާއި 385 ފިރިހެނުންނެވެ.

ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި ރާއްޖެ އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ކުންފުނީގެ މުދަލުގެ 80 ވަރަކަށް ޕަސެންޓް ވަނީ އަނދައިގެން ގޮސްފަ އެވެ.

ގުދަނުގައި ރޯވި އަލިފާން ނިއްވަން ފަޔަ އެންޑް ރެސްކިއު ސާވިސް އިން ފެން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ގުދަނުގައި ރޯވި އަލިފާން ނިއްވަން ފަޔަ އެންޑް ރެސްކިއު ސާވިސް އިން ފެން ޖަހަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންޑީއެމްއޭ އިން ބުނީ ވަގުތީ ހިޔާވަހިކަން ދިން މީހުންގެ ތެރޭގައި ބިދޭސީ 302 މަސައްކަތްތެރިން ހިމެނޭއިރު އޭގެ ތެރެއިން 280 މީހަކާ އެ މީހުންގެ ކުންފުނިތަކުން ހަވާލުވެފައިވާ ކަމަށެވެ. އަދި 20 ބިދޭސީއަކަށް ދިވެހި ރެޑްކްރެސެންޓުން އެހީތެރިކަން ދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.

ވަގުތީ ގޮތުން އެހީތެރިކަން ބޭނުންވާ 10 ގެއެއްގެ 77 މީހަކަށް އެ އޮތޯރިޓީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

އަލިފާންގަނޑު ކޮންޓްރޯލްކުރެވުނުއިރު ވަނީ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ފޮޓޯ: އަހްމަދު އަޒާން | މިހާރު
އަލިފާންގަނޑު ކޮންޓްރޯލްކުރެވުނުއިރު ވަނީ އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައި-- ފޮޓޯ: އަހްމަދު އަޒާން | މިހާރު

 ބައެއް އާއިލާތަކުން ވަގުތީ ގޮތުން އާއިލީ ގޭގެއަށް ބަދަލުވެފައި ވާއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން ހުސްކުރަން ޖެހުނު 15 ގެ ވެސް ހުސްކުރަން ޖެހުނީ ބޯ ދުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ދުމުގެ އަސަރުކޮށްގެން ހަތް މީހަށް ހޮސްޕިޓަލުން ފަރުވާދިން ކަމަށް ވެސް ބުންޏެވެ. ނަމަވެސް އެ ހުރިހާ އެންމެންގެ ހާލު ވެސް ސްޓޭބަލްކަމަށް ބުންޏެވެ.

އަލިފާނުގެ ހާދިސާ ހިނގިތާ ދޮޅު ގަޑިއެއްހާއިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައި ވަނީ ފަތިހު އެވެ. ދަގަނޑާއި ޓިނު ފަދަ ތަކެތިން ހަދާފައިވާ އެތަން އޮތީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.