ރޭ އަލިފާނުގެ ހާދިސާ ހިނގި 13 ބުރީގެ އިމާރާތެއް ކަމަށްވާ، ގ. ފެންފުޅު ގޭގެ ފެންވަޔަރިން ހަލާކުވެފައިވާ ހާދިސާގައި ވެފައިވާ ގެއްލުންތައް  އެސެސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

އެ ގޭގައި އަލިފާން ރޯވީ ރޭ 10:50 ހާއިރު އެވެ. އަދި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއު ޓީމުގެ މަސައްކަތުން އެތަނުން އަލިފާން ނިއްވާލެވުނީ ގާތްގަނޑަކަށް ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. 

އެންޑީއެމްއޭގެ ޗީފް އެގްޒެކްޓިވް، ހިސާން ހަސަން "މިހާރު" ވިދާޅުވީ ފެންފުޅު ގޭގެ ފަސް ވަނަ ފްލޯގައި ހުންނަ އެޕާޓްމަންޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި އެޕާޓްމަންޓުގައި ދިރިނޫޅެވޭ ވަރަށް ގެއްލުންވެފައިވާ ކަަމަށެވެ. އެ ފްލޯގައި އިތުރު ދެ އެޕާޓްމަންޓެއް ވެސް ހުރެ އެވެ. 

މުޅި އިމާރާތުގައި 50 އަށް ވުރެ ގިނަ މީހުން އުޅޭއިރު ހާދިސާގައި މުޅި އިމާރާތުގެ ފެން ވަޔަރިން އަށް ގެއްލުން ވުމުން ވަނީ ވަރަށް ބޮޑަށް ދަތިވެފަ އެވެ. ހިސާން ވިދާޅުވީ ފެން ވަޔަރިންއަށް ދިމާވި މައްސަލަ ގޭގެ ވެރިފަރާތުން ބަލައި ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އިމާރާތުގެ ހުރިހާ އެޕާޓްމަންޓަކަށް ވެސް ދުމުގެ އަސަރުކޮށްފައިވާ ކަމަށާއި ސިޑިގޮޅީގެ ފާރު ވެސް ދުމުގެ ސަބަބުން ކަޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ގޭގައި ރޯވި އަލިފާންގަނޑު ބޭރަަށް ވެސް ވަރަށް ބޮޑަށް ފެންނަން އޮތެވެ. 

އެމްއެންޑީއެފުން އާންމުކޮށްފައިވާ އެ ހާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ވެސް ކޮޓަރީގެ ބަންކު ބެޑާއި އޭގެ ގޮދަނޑިތައް ވެސް އެއްކޮށް އަނދާފައިވާއިރު އެތަނުގައި ހުރި ފޮތްތަކާއި އަލަމާރި ވެސް ވަނީ އަނދައި ބޭނުންނުކުރެވޭ ވަރުވެފަ އެވެ. 

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަކަށް ދުމުގެ އަސަރު ކޮށްފައި-- ފޮޓޯ: އެމްއެންޑީއެފް
ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަކަށް ދުމުގެ އަސަރު ކޮށްފައި-- ފޮޓޯ: އެމްއެންޑީއެފް

ހިސާން ވިދާޅުވި ގޮތުގައި އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. އޭގެ ތެރެއިން 25 މީހަކަށް އައިޖީއެމްއެޗުގައި އަދި ތިން މީހަކަށް އޭޑީކޭގައި ފަރުވާދިންއިރު އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ. 

އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި ހަ މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ ލާނެ އަންނައުނު ހޯދަން އެހީ ހޯދަން ވެސް ބައެއް ވައިބާ ގްރޫޕުތަކުގައި ޖަހާފައި ހުއްޓެވެ.

ހިސާން ވިދާޅުވީ ހާދިސާ ހިނގީ 13 ބުރީގެ އިމާރާތެއްގައި ކަމަށާއި އެތަނުގައި އުޅޭ ވަރަށް ގިނަ ބަޔަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަަށެވެެ. އެކަމަކު އެންޑީއެމްއޭގެ ވަގުތީ ހިޔާގައި މިވަގުތު އެއްވެސް މީހަކު ނެތް ކަމަށް ވެސް ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ އެ ހާދިސާގެ ތަހުގީގު ނިންމައި އެތަނަށް ވަނުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެންޑީއެމްއޭގެ ޓީމުތަކުން އެސެސްމަންޓް ހަދާނެ ކަމަށެވެ. އެސެސްމަންޓް ހެދުން ބިނާވަނީ އެތަންތަނުގެ ވެރިފަރާތް ވެސް ތިބެގެން ކަމަށާއި އެކަމަކު ރޭގައި އެ ފަރާތްތަކުން ވެސް ހޭލާ އުޅެންޖެހުމުން، އެކަމަށް ވަގުތު ނަގާނެ ކަމަށް ވިދާޅުވި އެވެ. 

އެންޑީއެމްއޭ އިން ރޭ ބުނެފައިވާ ގޮތުގައި އެ ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނެވެ. އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުދިންނަށެވެ. 

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. މި ހަފްތާގައި ވަނީ ހުޅުމާލޭ ފްލެޓެއްގެ އެޕާޓްމަންޓެއްގައި ވެސް ރޯވެ ނޫޅެވޭ ވަރަށް އެތަނަށް ގެއްލުން ވެފަ އެވެ.