ގ.ފުންފަޅު ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 28 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށް ނެޝެނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
ލޮނުޒިޔާރަތް މަގުގައި ހުރި އެ ގޭގެ ހަތަރުވަނަ ފްލޯގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:49 ހާއިރު އެވެ. އަލިފާންގަނޑު ނިއްވާލެވުނީ ރޭ 11:48 ހާއިރު އެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗުން 25 މީހަކަށް އަދި އޭޑީކޭ ހޮސްޕިޓަލުން ތިން މީހަކަށް ފަރުވާ ދީފައިވާ ކަމަށެވެ.
އައިޖީއެމްއެޗަށް ގެންދިޔަ މީހުންގެ ތެރޭގައި ހަ މަހުގެ ކުޑަ ކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާ ލާނެ އަންނައުނު ހޯދަން އެހީ ހޯދަން ވެސް ބައެއް ވައިބާ ގްރޫޕުތަކުގައި ޖަހާފައި ހުއްޓެވެ.
އެ ހާދިސާގައި އިމާރާތުގައި ދިރިއުޅޭ 58 އަށް މީހުންނަށް އިވެކުއޭޝަން ސެންޓަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި އެއީ 24 ފިރިހެނުންނާއި 30 އަންހެނުންނާއި އަދި ހަތަރު ކުދިން ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ.
އަލިފާން ރޯވި ފަންގިފިލާގެ ތިން އެޕާޓްމަންޓަކަށް ގެއްލުންވި އެވެ. އަދި ފެންވައިރުގެ މައްސަލަ ދިމާވެ ފެން ނުލިބުނު އެޕާޓްމަންޓްތަކުގައި ދިރިއުޅޭ މީހުންނަށް އެންޑީއެމްއޭއިން އެހީވެ ވަގުތީ ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުތައް ރޭ ވަނީ ހަމަޖައްސައިދީފަ އެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.