ބޮޑުރަސްގެފާނު މަގުގައި ހުރި ގެއެއްގައި މިރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތަކެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން މިރޭ 8:40 ހާއިރު ރިޕޯޓުކުރި ކަމަށެވެ. އަދި ފަޔަ އެންޑް ރެސްކިއުގެ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޯވެފައިވަނީ ހ. ފަހިވައި ގޭގެ ހަތް ވަނަ ފަންގިފިލާގަ އެވެ.
ހާދިސާގެ ބައެއް ތަފްސީލާ އެކު ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ސޯޝަލް މީޑިއާގައި ބުނީ ރޯވެފައިވަނީ ގޭގެ ހަތް ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްގެ ސިޓިންރޫމްގައި ކަމަށެވެ.
"މިހާދިސާގައި އެޕާންޓްމަންޓް ގެ ސިޓިންރޫމަށް ވަރަށް ބޮޑަށް ގެއްލުންވެފައިވޭ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވޭ. ހާދިސާގެ ސަބަބުން އެހީތެެރިކަން ބޭނުންވާ ފަރާތްތަކަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް މި އޮތޯރިޓީން މިހާރު ދަނީ ކުރަމުން،" އެންޑީއެމްއޭ އިން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސް، އަނިޔާވުމުން އޭޑީކޭގައި ވަނީ ފަރުވާ ދީފަ އެވެ. އެކަމަކު، އެ ފުލުހަށް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.