ތިން މިނިސްޓްރީއެއްގެ އިމާރާތުގައި އަލިފާން ރޯވީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށް އެ މައްސަލަ ތަހުގީގު ކުރުމުގައި ބައިވެރިވި އިންޑިއާގެ ތަހުގީގު ޓީމުން ބުނެފައިވާ ކަމަށް ދިވެހި ފުލުހުން މިއަދު ބުނެފި އެވެ.

ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރްމަންޓް މިނިސްޓްރީ ހިންގި އިމާރާތުގައި ރޯކޮށްލީ ކަމަށާއި އެކަން ކުރި ބަޔަކު ފުލުހުންނަށް އެނގޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވާފައި ވަނިކޮށް ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ ޑިސެމްބަރު 12، 2024 ގައި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދަން އިންޑިއާގެ ތަޖުރިބާކާރުންގެ އެހީ ހޯދާފައިވާ ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދު ބަލައި ދިރާސާ ކުރުމަށްފަހު އާއި އޭރު އެތަނުގައި ތިބި މީހުންނާ ސުވާލުކޮށްގެން ލިބުނު މައުލޫމާތާއި ފޮޓޯ އާއި ވީޑިއޯ އަދި ސީސީޓީވީ ކެމެރާ ފުޓޭޖުތައް ވެސް އިންޑިއާގެ ތަޖުރިބާކާރުންނާ ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވާހަކަ ދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒު މޫސާ

އެކަން ތަހުގީގުކޮށް، އިންޑިއާގެ ޓީމަށް ފާހަގަކުރެވުނު ކަންކަމުގެ ރިޕޯޓެއް ވެސް ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. 

"ރިޕޯޓުގައި ބުނާގޮތުން ފާހަގަކޮށްލެވިފައިވަނީ އަލިފާން ރޯވެފައިވަނީ ކަރަންޓު ޝޯޓު ސާކެޓެއްގެ ސަބަބުން ކަމަށް. ރޯވެފައިވާ ކަރަންޓު ނަރުތަކަކީ އިމާރާތުގެ ދަތި ދޭތެރެތަކުގައި ސީލިންގު ތެރެއިން އެކި ޑަކްޓުތަކުގެ ތެރޭގައި ހުރި ނަރުތަކެއް ކަމުން އެ އަލިފާންތައް ހޯދައި ނިއްވާލުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ހުޅުގަނޑު ހިފައިގެން ގޮސް ފެތުރިގެންކަން ފާހަގަކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

އެ އިމާރާތުގެ ތެރޭގައި ހުރީ ފަސޭހައިން އަލިފާން ރޯވެ އަދި ހުޅުގަނޑު ފަސޭހައިގެން ފެތުރިގެންދާ ތަންތަން ކަމަށް އިންޑިއާގެ ތަޖުރިބާކާރުން ހެދި ރިޕޯޓުގައިވެ އެވެ.

އަބްދުﷲ ރަޝީދު ވިދާޅުވީ އެ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަމެއް ނެތެވެ.

އެ ޕްރެސް ކޮންފަރެންސްގައި ފުލުހުން ވަނީ ހުޅުގަނޑު ފަޅައިގެން ދިއުމުގެ ކުރިން ފެށިގެން ސިފައިން ހަރަކާތްތެރިވާ ވީޑިއޯތައް ވެސް ދައްކައިފަ އެވެ.