އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ހައުސިން މިނިސްޓްރީގެ އިމާރާތް ހުރީ ފަސޭހަ އިން ރޯވާ ގޮތަށް ކަމަށާއި އެތަނުގައި އަލިފާނުގެ ހާދިސާ ހިނގުމުގެ ކުރިން ވެސް ކަރަންޓް މައްސަލަ އުޅޭކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެފި އެވެ.
މީގެ 19 އަހަރު ކުރިން ޑެކު އަޅައިގެން އަމީނީ މަގުގައި ހެދި އިމާރާތަކީ، ބިލްޑިން ކޯޑާއި އިމާރާތްކުރުމުގެ ރައްކާތެރިކަން ތަންފީޒުކުރުމުގެ ހުރިހާ މަސައްކަތެއް ކުރަމުން އަައި ތަނެވެ. އެކަމަކު، އެތަން ރޯވި ފަހުން ފުލުހުންގެ ތަހުގީގުން އާއްމު ކުރި މައުލޫމާތުން އެނގުނު ގޮތުގައި، އެއިން އެއްވެސް ގަވައިދަކަށް އެ އިމާރާތަށް ނުފެތެ އެވެ.
"ތަހުލީލުކުރެވުނު ކޭބަލްތަކުގެ ތެރެއިން ދެ ކަރަންޓު ނަރެއްގެ ސަބަބުން ސޯޓުވެފައި ހުރި ކަމުގެ ނިޝާންތައް ވެސް ވަނީ ފާހަގަކުރެވިފައި.
ޑިސެމްބަރު 2024 ގައި ހިނގި ނުރައްކާތެރި އަލިފާނު ހާދިސާގެ މައުލޫމާތު ދިނުމަށް މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ވަނީ، ޓިނާއި ލަކުޑި އަދި ފިލައިން ހަދާފައި ހުރި އެ އިމާރާތުގައި ގިނަ މައްސަލަތަކެއް ހުރި ކަމަށް ބުނެފަ އެވެ.
ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ހުއްޓާ ފެނުނު ހައުސިން މިނިސްޓްރީގެ ޖިއޮމެޓްރިކްސް ޑިޕާޓްމަންޓުގައި ކަރަންޓުގެ މައްސަލަ އޭގެ ކުރިން ވެސް އުޅޭކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހައުސިން މިނިސްޓްރީގެ އިމާރާތް ހުރީ ފަސޭހައިން ހުޅު ހިފާ ގޮތަށެވެ. އަދި އެ ތަން ހުރި ގޮތުން ރޯވެފައި ހުރި ތަން ހޯދަން އުނދަގޫތައް ވި ކަމަށާއި ހުޅުގަނޑު ފަޅައިގެން ދިޔައީ ރޯވެފައި ހުރި ތަން ލޮކޭޓު ކުރުމުގެ ތެރޭގައި އުޅެނިކޮށް ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އެ ތަނުން ނެގި ކަރަންޓު ނަރުތަކުގެ ފޮރެންސިކް ތަހުލީލު ހެދިއިރު ނަރުތަކުގެ ގިނަ މައްސަލަތަކެއް ވަނީ ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި؛
- ނަރުތައް ހޫނުވެގެން އުފެދޭ އާގު އެ ނަރުތަކުގައި ހުރުން
- އޯވަ ހީޓުވުމުގެ ސަބަބުން އެއް ނަރު އަނެއް ނަރާ އެއްވެފައި ހުރުން
- ކަރަންޓު ނަރުތައް ހީޓުވުމުގެ ސަބަބުން ބައެއް ނަރުތައް ވިރި އަދި ވިރިފައިވާ ހިސާބު ފުފި އަދި އެ ތަނުގައި ބަލްބު އުފެދުން
"ތަހުލީލުކުރެވުނު ކޭބަލްތަކުގެ ތެރެއިން ދެ ކަރަންޓު ނަރެއްގެ ސަބަބުން ސޯޓުވެފައި ހުރި ކަމުގެ ނިޝާންތައް ވެސް ވަނީ ފާހަގަކުރެވިފައި،" އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.
އެ ހާދިސާގެ ތަހުގީގަށް ރާއްޖެ އައި އިންޑިއާގެ ތަޖުރިބާކާރުން ވަނީ، ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އަދި އެންވަޔަރްމަންޓް މިނިސްޓްރީ ހިންގި އިމާރާތުގައި ރޯވީ ކަރަންޓު ޝޯޓުވެގެން ކަމަށް ނިންމައިފަ އެވެ.
"..ރޯވެފައިވާ ކަރަންޓު ނަރުތަކަކީ އިމާރާތުގެ ދަތި ދޭތެރެތަކުގައި ސީލިންގު ތެރެއިން އެކި ޑަކްޓުތަކުގެ ތެރޭގައި ހުރި ނަރުތަކެއް ކަމުން އެ އަލިފާންތައް ހޯދައި ނިއްވާލުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކޮންޓްރޯލް ނުވެގެން ހުޅުގަނޑު ހިފައިގެން ގޮސް ފެތުރިގެންކަން ފާހަގަކޮށްފައިވޭ،" އިންޑިއާގެ އެ ރިޕޯޓާ ހަވާލައިދީ އޭނާ ވިދާޅުވި އެވެ.
އެ އިމާރާތުގައި ގަސްތުގައި ރޯކޮށްލީ ކަމަށް ބަޔަކު ތުހުމަތުކުރިއަސް، އަލިފާން ހިފާ ޒާތުގެ އެއްވެސް ކެމިކަލެއް އެ ތަނުގައި ނެތް ކަމަށް ބޭރުގެ ތަޖުރިބާކާރުން ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޑެގު އަޅައިގެން ހައުސިން މިނިސްޓްރީ ހެދީ އޭރު ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތް ބާވުމުން މުވައްޒަފުން ވަގުތީ ގޮތުން ބަދަލު ކުރާށެވެ. ނަމަވެސް 15 އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް އެ މުވައްޒަފުންނަށް ދާއިމީ އޮފީހެއް ހަމަޖައްސައެއް ނުދެވުނެވެ.
އަލިފާނުގެ ހާދިސާއަށް ފަހު ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި އެ މިނިސްޓްރީ މިހާރު ހިންގަމުން އަންނަނީ ދަރުބާރުގޭގަ އެވެ.