އދ. ދިގުރަށުގައި ބިދޭސީން ތިބި އެކޮމަޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން ފަރުވާ ދެމުންދާ ދެ ބިދޭސީން ވަރަށް ބޮޑަށް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
ހުކުރު ދުވަހުގެ ރޭ ދަންވަރު 2:00 ހާއިރު ދިގުރަށުގައި ބިދޭސީންތަކެއްގައި ދިރިއުޅެމުން ދިޔަ އެކޮމަޑޭޝަން ބްލޮކްގައި ރޯވެ، އަަށް މީހަކު ފިހި، އޭގެ ތެރެއިން ފަސް މީހުން މަރުވިއިރު ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނަ އެވެ. ތިން ވަނަ މީހާއަށް އެ ރަށުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
އައިޖީއެމްއެޗްގެ މީޑީއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދެ މީހުންގެ ހާލު އަދިވެސް ސީރިއަސް ކަމަށާއި އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 24 ޕަސެންޓު ފިހިފައި ވާއިރު، ދެވަނަ މީހާގެ 17 ޕަސެންޓު ވަނީ ފިހިފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ދެ މީހުންނަށް ވެސް ދުމުގެ އަސަރުކޮށް ވަރަށް ބޮޑަށް ކޮށްފައިވާތީ ފުއްޕާމެއަށް ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދިގުރަށުގެ އެކޮމަޑޭޝަން ބްލޮކެއްގެ ގޮތުގައި ބޭނުންކުރާ ގޭގައި ރޯވީ ގޭސް ލީކުވުމުގެ ސަބަބުންނެވެ. ނަމަވެސް އެ ހާދިސާ ހިނގި ގޮތާ ބެހޭގޮތުން ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން ރޯވީ ދެ މީހަކު ދަންވަރު ކައްކަން އުޅެނިކޮށް ކަމަށާއި އެ ވަގުތު އެހެން ބިދޭސީން ތިބީ ނިދާފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެތަނުގައި 30 ބިދޭސީން އުޅެ އެވެ.
ރޯވި ރޭގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވެސް ދައުރުވަމުން ދާއިރު، އެ ވީޑިއޯތަކުން ފެންނަނީ އެ ގޭގެ ފަހަތުން ފާރު ތަޅާލައިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ތަނެވެ. އަދި މަރުވި މީހުންގެ ހަށިގަނޑުތައް ވެސް ނެރޭތަން ފެނެ އެވެ.