ރާއްޖޭގެ މި އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ވަޑައިގެންނެވި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޕްރިންސް މުހައްމަދުގެ ފަރާތްޕުޅުން ރޭ ރާއްޖެ ވަޑައިގަތީ ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައުދީގެ ކެބިނެޓް މެމްބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ޑރ. މަންސޫރަށް ވަރަށް ހޫނު މަރުހަބާއެއް ރައީސް މުއިއްޒު ވިދާޅުވެ، މިނިވަންދުވަހުގެ ހަފުލާތަކުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރެއްވިކަމަށްޓަކައި ސައުދީގެ ވެރިންނަށް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި ސައުދީން ރާއްޖެއަށް ދޭ އެއްބާރުމަށް، ހާއްސަކޮށް ދިވެހި ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް"ގެ ދަށުން ދޭ އެހީތެރިކަމަށް ވެސް ރައީސް މުއިއްޒު ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުކުރެއްވުމުގައި ޑރ. މަންސޫރު ދެއްކެވި ވާހަކަފުޅުގައި، ސައުދީގެ އިސްވެރިން ރާއްޖޭގެ ތަރައްގީ އާއި ފާގަތިކަމަށް އަބަދުވެސް ދެއްވާ ހާއްސަ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ ދެ ގައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިހުތިރާމާއި ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަހުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުންނެވެ.
މީގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓާއި އިގުތިސާދީ ތަރައްގީ އާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް މުއިއްޒު ވަނީ ޑރ. މަންސޫރުގެ ޝަރަފުގައި މެންދުރުގެ ހާއްސަ ފަރިއްކޮޅެއް ވެސް މިއަދު ބާއްވަވައިފަ އެވެ.
ޑރ. މަންސޫރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ.
ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދުގެ ހާއްސަ މަންދޫބުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ޝަރަފުގެ ގާޑެއް ވެސް އަރުވައިފަ އެވެ.
މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން މިރޭ ޖުމްހޫރީ މައިދާނުގައި ހާއްސަ ކުޅިވަރުގެ އައިޓަމްތަކެއް ބާއްވާނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ފުޅަނދުބުރު ވެސް އޮންނާނެ އެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު އެވެ.