ރާއްޖެއާ އެކު އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ސައުދީ އަރަބިއްޔާއިން ޝައުގުވެރިވާ ކަމަށް ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ޔަހްޔާ ހަސަން އަލް ގަހްތާނީ މިރޭ ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާގެ 96 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔަހްޔާ ވިދާޅުވީ މިދިޔަ 48 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ތަރައްގީގެ އެކިއެކި މަޝްރޫއުތަކަށް އެ ގައުމުން 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ތައުލީމާއި ސިއްހީ ހިދުމަތްތަކާއި ފެނާއި ނަރުދަމާގެ އިތުރުން ދަތުރުފަތުރުގެ ދާއިރާ ފުޅާކުރުމަށް ސައުދީން ބޮޑެތި އެހީތަކެއް ދީފައިވާކަން ސަފީރު ފާހަގަކުރެއްވި އެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ސަފީރު ވިދާޅުވީ އިސްލާމީ ކަންކަމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރުން ތަރައްގީ އާއި ޓޫރިޒަމާއި ތައުލީމީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖެއާ އެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެ ގައުމުން ޝައުގުވެރިވާ ކަމަށެވެ.
ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މި ގުޅުން ދެމެހެއްޓުމަށް ބޭނުންވާކަމަށް ވެސް ވާހަކަފުޅުގައި ވިދާޅުވި އެވެ.
ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު އޮތް ގުޅުމަކީ އެ ގައުމުން ރާއްޖެއަށް ކުރާ އިތުބާރާއި ރާއްޖޭގެ ތަރައްގީއަށް ދޭ އަހައްމިއްޔަތުކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.
އެގޮތުން މީގެ ދެ އަހަރު ކުރިން އެ ގައުމުގެ ރަސްގެފާނު މުހުއްމަދު ބިން ސަލްމާން އާލް ސައުދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީގައި ބޭއްވެވި ބައްދަލުކުރެއްވުމަކީ ދޭދޭ ގުޅުން ވަރުގަދަކޮށް އެއްބާރުލުން އިތުރުކުރުމަށް ދެ ގައުމުގެ ލީޑަޝިޕުން ދެއްވާ އަހައްމިއްޔަތު ހާމަވެގެންދިޔަ ކަމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ.
ދާދި ފަހުން ސައުދީ އިންވެސްޓަރުންގެ ވަފުދެއް ރާއްޖެއަށް ކުރެއްވި ދަތުރަކީ އައު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދީން މީގެ ކުރިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއަށް އެސްއެފްޑީން 218 މިލިއަނަށް ވުރެ ގިނަ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން ހުޅުމާލެ ތަރައްގީ ކުރުމަށާއި ބޯހިޔާވަހިކަމުގެ އުމްރާނީ ވަސީލަތްތަކާއި ސިއްހީ ދާއިރާ އަދި މަސްވެރިކަން ކުރިއެރުވުމަށް އެ ފަންޑުން ދަނީ މެދުކެނޑުމެއް ނެތި އެހީވަމުންނެވެ. މިހާރު ވެސް ރާއްޖޭގައި ކުރިއަށް ގެންދާ އެސްއެފްޑީގެ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 180 މިލިއަން ޑޮލަރަށް އަރަ އެވެ.