ރާއްޖޭގެ މި އަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒުގެ ހާއްސަ މަންދޫބެއް ރޭ ރާއްޖެ ވަޑައިގެންފި އެވެ. 

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ސައޫދީގެ ވަލީއަހުދު މުހައްމަދު ހާއްސަ މަންދޫބެއް ފޮނުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކަމަށެވެ. 

ޕްރިންސް މުހައްމަދުގެ ފަރާތްޕުޅުން ރާއްޖެ ވަޑައިގަތީ ރައީސް އޮފީހުން ބުނި ގޮތުގައި ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު އަދި ސައޫދީގެ ކެބިނެޓް މެންބަރު ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އެވެ. 

ސައޫދީ ވަލީއަހުދު މުހައްމަދުގެ ހާއްސަ މަންދޫބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހި ސިފައިން ރޭ ޝަރަފުގެ ގާޑު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް
ސައޫދީ ވަލީއަހުދު މުހައްމަދުގެ ހާއްސަ މަންދޫބަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދިވެހި ސިފައިން ރޭ ޝަރަފުގެ ގާޑު އަރުވަނީ.---ފޮޓޯ: ރައީސް އޮފީސް

އެ މަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ފޮރިން ރިލޭޝަންސް މުހައްމަދު ނަސީރެވެ.

ސައޫދީ ވަލީއަހުދު ޕްރިންސް މުހައްމަދުގެ ހާއްސަ މަންދޫބުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ ޝަރަފުގެ ގާޑެއް ވެސް އަރުވައިފަ އެވެ.

މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން މާދަމާ ރޭ ޖުމްހޫރީ މައިދާނުގައި ހާއްސަ ކުޅިވަރުގެ އައިޓަމްތައް ބާއްވާނެ އެވެ. އަދި ސަރުކާރުގެ އިދާރާތަކުގެ ފުޅަނދުބުރު ވެސް އޮންނާނެ އެވެ. މިނިވަންދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ މިނިވަންދުވަސް ކަމަށްވާ ޖުލައި 26 ވަނަ ދުވަހުގެ ހެނދުނު އެވެ.

މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރި ކޮށްދެއްވަން ޕްރިންސް މުހައްމަދުގެ ހާއްސަ މަންދޫބެއް ރާއްޖެ އަށް ފޮނުއްވިއިރު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. 

ސައޫދީ ވަލީއަހުދު މުހައްމަދުގެ ހާއްސަ މަންދޫބު އަދި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުން މަތިންދާބޯޓުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ސައޫދީ ވަލީއަހުދު މުހައްމަދުގެ ހާއްސަ މަންދޫބު އަދި އެ މަނިކުފާނުގެ ވަފުދުގެ ބޭފުޅުން މަތިންދާބޯޓުން ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފައިބައިޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ވަނީ މިދިޔަ އަހަރުގެ ކުރީކޮޅު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން ވަލީއަހުދު މުހައްމަދާ ބައްދަލުކުރައްވައިފަ އެވެ. 

އެ ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުމާއި އިންވެސްޓްމަންޓާއި އިގްތިސާދީ ދާއިރާ އާއި އަމިއްލަ ވިޔަފާރިތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރަން މަޝްވަރާ ކުރައްވާފައިވެ އެވެ. 

މީގެ އިތުރުން ރައީސް މުއިއްޒުގެ ހާއްސަ ސިޓީފުޅެއް ވެސް މި އަހަރުގެ ފެބްރުއަރީ މަހު ވަލީއަހުދު މުހައްމަދަށް ފޮނުއްވި އެވެ.